ޚަބަރު

ހައިކޮމިޝަން ގޮއްވާލަން ބުނި މީހާގެ ބަންދަށް 7 ދުވަސް


ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯތުން 7 ދުވަސް އިރުކޮށްދީފިއެވެ.

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ ޓްވީޓްކުރިކަމުގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމީހާއާއި ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ހައި ކޮމިޝަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން މައްސަލާގައި މި މީހާ ހައްޔަރުކޮށް ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދަވާކަމަށެވެ. އަދި މި އިންޒާރާ ގުޅިގެން އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާކަންވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ، ދިވެހި ރާއްޖޭގައި ޤާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމަކަށް ވީހިނދު، ދިވެހިރާއްޖެއާއި އަވައްޓެރި ޤައުމުތަކާއި ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ޤައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާގޮތަށް ކުރާ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާތީ، އެކަމާ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާކަމަށެވެ. އަދި މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއްކަމުން، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ.

ދިވެހި ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެޕާޓީގެ މެމްބަރެއްކަމަށެވެ. އަދި އެ މީހާގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލައި، އެނާ އެމްޑީޕީން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ކުރިޓްވީޓް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށާއި، އެކަން ހަރުއަޑުން ކުށްވެރިކުރާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.