ޚަބަރު

އޮޑިޓަރ ޖެނެރަލަކަށް ނިޔާޒީ ޢައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި


އޮޑިޓަރ ޖެނަރަލްގެ މަޤާމަށް ޙުސައިން ނިޔާޒީ ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

އެންމެފަހުން އޮޑިޓަރ ޖެނަރަލްގެ މަޤާމުގައި ހުންނެވި ޙަސަން ޒިޔަރު މަޤާމުން އިސްތިއުފާދެއްވުމާއެކު، ހުސްވެފައިވާ މަގާމަށް ޢައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ފާސްކުރީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ. ޙުސައިން ނިޔާޒީ މިހާރު ހުންނެވީ އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަޤާމުގައެވެ.

އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވުމަށް، ގ.އައިފަ، ހުސައިން ނިޔާޒީގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނިމިދިޔަ ޖޫންމަހުގެ 30ވަނަ ދުވަހުއެވެ.

ރާއްޖޭގެ އެންމެ ސީނިއަރ އެއް ޗާޓާޑް އެކައުންޓެންޓްކަމަށްވާ ނިޔާޒީއަކީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ.