ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިމަޑުކަމުގެ ފަސްވަނަ ރާޅެއް ފެތުރުމުގެ ނުރައްކާތެރިކަން ބޮޑުވެފައިވާކަމަށް އީރާނުން ބުނެފިއެވެ.
މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވެފައިވަނީ އީރާނުގައެވެ. 83 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އީރާނުގައި މިހާތަނަށް 3.2 މިލިޔަން މީހުންނަށް ބަލިޖެހި 84،627 މީހުންވަނީ މަރުވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 8،341 މީހުންނަށް ބަލިޖެހި 111 މީހުންވަނީ މަރުވެފައެވެ.
ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމުގައި ފަރުވާކުޑަކޮށްފިނަމަ ކުރިޔަށް އޮތް ދުވަސްތަކުގައި ޤައުމުގެ ޙާލަތު އިތުރަށް ގޯސްވެ ބަލީގެ ފަސްވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެކަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީވަނީ ވިދާޅުވެފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރަނީ ޢާންމުންގެ 69 އިންސައްތަ މީހުންކަމަށް ދިރާސާތަކުން ދައްކާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެކުނާއި ދެކުނުއިރުމަތީ ސަރަޙައްދުތަކުން އެ ޤައުމަށް ޑެލްޓާ ވޭރިއަންޓު އެތެރެވެފައިވާކަމަށާއި މުޅި ޤައުމުގައި ބަލިމަޑުކަން ފެތުރުނަނުދިނުމަށް ފަރުވާތެރިވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ވެރިރަށް ތެހްރާނު ހިމެނޭގޮތަށް 92 ސަރަޙައްދެއްގައި ހަލުވިކަމާއެކު ބަލިފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ޞިއްޙީ މާހިރުންވަނީ ފާހަގަކޮށްފައެވެ. ބަލިފެތުރުން ހުއްޓުވުމަށް ތެހްރާނުގައި އެތެރޭގެ ދަތުރުތައް ކުރުމުގައި ފިޔަވަޅުތައް އަޅައި ޒަރޫރީ ޚިދުމަތްތައް ދެމުންދާ ވިޔަފާރިތައް ނޫން އެހެން ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުންވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން ވަޒީފާއަށް ނެރޭ މުވައްޒަފުންގެ ޢަދަދު ތަނުގެ 30 އިންސައްތައަށް މަދުކުރުމަށްވެސްވަނީ އަންގައިފައެވެ.
83 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އީރާނުގައި މިހާތަނަށް ކޯވިޑް-19ގެ ވެކްސިންގެ 7 މިލިޔަން ޑޯޒުވަނީ ދީފައެވެ. އެ ގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒުވަނީ 4 މިލިޔަން މީހުންނަށް ދީފައެވެ. ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ އެންމެ 2 މިލިޔަން މީހުންނެވެ. އީރާނުންވަނީ އެ ޤައުމުގައި ވެކްސިން ދިނުމުގެ ދުވެލި ލަސްވެފައިވަނީ އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ބުނެފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ވެކްސިން ގަތުމަށް ހުރަސްއެޅޭކަމަށާއި ވެކްސިން ލިބުން ލަސްވާކަމަށްވެސް އީރާނުން ބުނެއެވެ.