ލީބިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި މިޞްރުގެ ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒެއް ޤާއިމުކޮށްފިއެވެ.
ކަނޑު ސިފައިންނަށް ޚާއްޞަކޮށް ޤާއިމުކުރި އަސްކަރީ މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވާފައިވަނީ މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލްސީސީއެވެ. އެ ރަސްމިއްޔާތުގައި އަބޫ ޟަބީގެ ވަލީ އަހުދު ޝައިޚު މުޙައްމަދު ބިން ޒައިދު އަލްނަހްޔާނާއި ލީބިޔާގެ ގުޅިފައިވާ ސަރުކާރުގެ ރައީސް މުޙައްމަދު ޔޫނުސް އަލްމަނަފީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަލަށް ޤާއިމުކުރި އަސްކަރީ މަރުކަޒަށް ނަން ދީފައިވަނީ 2013ވަނަ އަހަރު މިޞްރުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު މުރުޞީގެ ވެރިކަން ވައްޓާލި ދުވަހަށް ނިޞްބަތްކޮށެވެ. އެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަރަންސޭސިވިލާތުން ގަނެފައިވާ ދެ މަނަވަރާއި ޖަރުމަނުވިލާތުގައި އުފައްދާފައިވާ ސަބުމެރީނަކާއި އިޓަލީވިލާތުގައި އުފައްދާފައިވާ ދެ އަސްކަރީ މަނަވަރު ދައްކާލާފައިވެއެވެ.
މިޞްރުން ބުނީ އަލަށް ޤާއިމުކުރި އަސްކަރީ މަރުކަޒުން މިޞްރުގެ މަސްލަޙަތުތައް ރައްކާތެރިކުރުމަށް އެހީތެރިވެދޭނެކަމަށެވެ. އޭގެ އިތުރުން ޤަވާއިދާ ޚިލާފަށް ހިޖުރަކުރާ މީހުން ދެނެގަތުމަށާއި މެޑިޓެރޭނިޔަންގެ ސަރަޙައްދާއި ރަތް ކަނޑުގައި އަސްކަރީ ޙަރަކާތްތައް އިތުރުކުރުމަށް މަގުފަހުވާނެކަމަށް މިޞްރުން ބުނެއެވެ.
2011ވަނަ އަހަރުގެ ތެރޭގައި ލީބިޔާގެ ޒަޢީމު ކާނަލް މުޢަންމަރުލް ޤައްޒާފީގެ ވެރިކަން ވައްޓާލުމުން އެ ޤައުމުގައި ބައިބައިވުންތަކާއި ހަމަނުޖެހުންތައްވަނީ އުފެދުނެވެ. އަދި ލީބިޔާގެ އުތުރާއި ދެކުނުގައި ވެރިކަން ކުރަމުންދިޔަ ސަރުކާރުތަކުން އެ ޤައުމުގެ ވެރިކަމަށް އައުމަށް ދަނީ ހަނގުރާމަކުރަމުންނެވެ. އެއާއެކު ލީބިޔާގެ އިރުމަތީ ސަރަޙައްދުތަކުން މިޞްރަށް އޮތް ނުރައްކާތެރިކަންވަނީ އިތުރުވެފައެވެ. ލީބިޔާގެ ދާޚިލީ ހަނގުރާމައިގައި މިޞްރާއި ޔޫއޭއީން ވާގިވެރިވަނީ އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިޔަން ނޭޝަނަލް އާމީއަށެވެ. ނަމަވެސް އދން އިސްވެ ލީބިޔާގައި ޞުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފާއިތުވި ދުވަސްތަކުގައި އެއްބާރުލުން ދޭން މިޞްރުންވަނީ ފަށައިފައެވެ.