ޚަބަރު

އަނެއްކާވެސް ޔަހޫދީންގެ ވަރުގަދަ ޙަމަލާތަކެއް ޣައްޒާއަށް


އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުން އަނެއްކާވެސް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާތަކެއް ދީފިއެވެ. މިއީ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވަޤުތީ ގޮތުން ޞުލްޙަ ޤާއިމުކުރުމަށްފަހު ޙަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވިފަހުން ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ދިން އެފަދަ ހަތަރުވަނަ ޙަމަލާއެވެ.

11 ދުވަހުގެ ހަނގުރާމައަކަށްފަހު ޔަހޫދީންނާއި ޙަމާސާ ދެމެދު ޙަމަލާބަދަލުކުރުން ހުއްޓާލާފައިވަނީ މެއި މަހުގެ 21ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ފަހުންވެސް އެކި ފަހަރު މަތިން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދީފައެވެ.

ޙަމާސުން ބުނީ ޣައްޒާއަށް އަމާޒުކޮށް ޖުލައި މަހުގެ 3ވަނަ ދުވަހު އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވައިގެ ޙަމަލާތަކެއް ދީފައިވާކަމަށެވެ. އެ ގޮތުން ޣައްޒާގެ ބަދުރު އަދި އަންސޫދާނިއްޔާއަށް ޔަހޫދީންގެ ޙަމަލާތައް ޢަމާޒުކޮށްފައިވެއެވެ. އެ ޙަމަލާތަކުގައި ޒަޚަމުވި މީހުންގެ ތެރެއިން އެކަކުގެ ޙާލު ވަރަށް ގޯސްކަމަށް ޙަމާސުންވަނީ ބުނެފައެވެ.

2007ވަނަ އަހަރުން ފެށިގެން ޔަހޫދީންނާއި މިޞްރުންވަނީ ވައިގެ މަގުންނާއި ކަނޑު މަގުންނާއި އެއްގަމު މަގުން ޣައްޒާ ބަންދުކޮށްފައެވެ. އަދި ދެ މިލިޔަން މީހުންގެ އާބާދީއަކަށް ބޭނުންވާ އަސާސީ ސާމާނު ޣައްޒާއަށް ވެއްދެނީ އިސްރާއީލާއި މިޞްރުން ސަރަޙައްދީ ރޮނގުތައް ހުޅުވުމުން އެކަންޏެވެ.