ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި


އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލުން ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ތިންވަނަ ފަހަރަށް ހުޅުވާލާފައި މިވަނީ، ކުރިން އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކަށް މަޖިލީހުން ރުހުން ނުލިބުމުގެ ސަބަބުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަންކުރުމަށް މިދިޔަ އޭޕްރިލް މަހުވެސް ރައީސުލްޖުމްހޫރިއްޔާ ތިން ނަމެއް މަޖިލީހަށް ފޮނުއްވިއެވެ. ނަމަވެސް އެ ނަންތައް ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ނިންމީ އެއްވެސް ނަމަކަށް ރުހުން ދޭން ނުފެންނަކަމަށެވެ.

ރައީސް އޮފީހުން މިއަދު އަނެއްކާވެސް ވަނީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ރައީސް އޮފީހުން ވިދާޅުވީ، އެ މަޤާމަށް ކުރިމަތިލާ މީހުންގެ ފޯމްތައް ބަލައިގަތުން ކުރިއަށްދާނީ ޖުލައި މަހުގެ 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ޙުސައިން ފިޔާޒް މޫސާ މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވާފައިވާތީއެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.