ކުޅިވަރު

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން އާޖެންޓީނާ ޖާގަހޯދައިފި


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން އާޖެންޓީނާ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން އާޖެންޓީނާ ޖާގަހޯދީ މިއަދު ހެނދުނު ކުޅުނު ކުއާޓަރ ފައިނަލުގައި އިކުއެޑޯ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ. މިމެޗްގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހާދިނީ އެޓީމްގެ ކެޕްޓަން ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮޑްރިގޯ ޑި ޕޯލްއެވެ. އަދި ދެވަނަ ލަނޑުވެސް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާފައިވަނީ މެޗްގެ 84 ވަނަ މިނެޓްގައި ލައުޓާރޯ މާޓިނޭޒްއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ މެސީއެވެ. މިމެޗްގެ އިތުރު ވަގުތުގައި އެކުއެޑޯގެ ޕިއޭރޯ ހިންކަޕީ އަށް ވަނީ ރަތްކަޑު ދައްކާފައެވެ.

މިކާމިޔާބީއާއެކު އާޖެންޓީނާ ސެމީފައިނަލަށް ދަތުރުކޮށްފައިވާއިރު ސެމީފައިނަލްގައި އެޓީމް ބައްދަލުކުރާނީ ކޮލަމްބިއާ އާއެވެ. މިމުބާރާތުގެ ސެމީފައިނަލުން ކޮލަމްބިއާ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި އުރުއާއީ އާއި ބައްދަލުކުރިމެޗް ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އަދި އިތުރު ވަގުތުގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު 2 ލަނޑުންނެވެ.

މިމުބާރާތުގެ ސެމީފައިނަލުން ވަނީ އެންމެފަހުގެ ޗެމްޕިއަން ބްރެޒިލް އާއި ޕެރޫވެސް ޖާގަހޯދާފައެވެ.