ޚަބަރު

މިޔަންމާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އީރާނަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލައިފި


މިޔަންމާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށްފަހު އީރާނާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް އެމެރިކާއިން އުވާލައިފިއެވެ.

މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިން ހައްޔަރު ކުރީ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ.

ބަޣާވަތުގެ ވެރިކަމެއް ކުރަމުންދާ މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަސްކަރިއްޔާއަށް ވާގިވެރިވާކަމަށް ތުޙްމަތުކުރެވޭ ހަތަރު ކުންފުންޏަކާއެކު ވިޔަފާރިކުރުން މަނާކުރުން ހިމެނެއެވެ. އޭގެ އިތުރުން އަސްކަރިއްޔާގެ ބައެއް އިސްވެރިންނާ ދެކޮޅަށްވެސްވަނީ ފިޔަވަޅުތައް އަޅައިފައެވެ. އެ ގޮތުން ބަޣާވާތާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ޢާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފައިވާ އަސްކަރިއްޔާގެ ހަތް މީހަކާ ދެކޮޅަށްވަނީ ފިޔަވަޅު އަޅައިފައެވެ. އަދި ސްޓޭޓު އެޑުމިނިސްޓުރޭޓިވް ކައުންސިލްގެ މެންބަރުންނާއި ޚަބަރާއި މަޢުލޫމާތާބެހޭ ވަޒީރާއި އަސްކަރިއްޔާގެ އެހެން އިސްވެރިންނާއި އެ މީހުންގެ ޢާއިލާތަކާ ދެކޮޅަށްވެސް ފިޔަވަޅުތައް އަޅާފައިވެއެވެ.

އޭގެ އިތުރުން އެމެރިކާއިންވަނީ އީރާނުގެ ތިން ރައްޔިތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިއެވެ. އީރާނުގެ ތިން ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވަނީ 2020ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ ތެރޭގައި ނެރުނު ރިޔާސީ ޢަމުރަކުންނެވެ. އެ ޢަމުރުގެ ދަށުން ފިޔަވަޅު އަޅާފައިވަނީ ބޮޑެތި ގެއްލުންތައް ދެވޭނެ ހަތިޔާރު އުފައްދާ މީހުންނަށާއި އެ މީހުންނަށް ވާގިވެރިވާ ފަރާތްތަކަށެވެ. އެ ޢަމުރުގެ ދަށުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެ މީހުންގެ މުދާ ހިފަހައްޓައި އެ މީހުންނާ އެއްވެސް މުޢާމަލާތެއް ކުރުންވަނީ މަނާކޮށްފައެވެ.

އެމެރިކާއިން ބުނީ އީރާނުގެ ތިން ރައްޔިތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއި ދުނިޔޭގެ ބާރުތަކާއި އީރާނާ ދެމެދު 2015ވަނަ އަހަރު ސޮއިވެފައިވާ ނިޔުކްލިޔަރ އެއްބަސްވުން އަލުން ރުޖޫޢަކުރުމާ ގުޅޭގޮތުން ކުރަމުންދާ މަޝްވަރާތަކާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ.