ޚަބަރު

ބަގުރާމު އަސްކަރީ މަރުކަޒު އެމެރިކާގެ ސިފައިން ދޫކޮށްލައިފި


އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މައި މަރުކަޒުކަމަށްވާ ބަގުރާމު ވައިގެ މަރުކަޒު 20 އަހަރު ފަހުން ދޫކޮށްލައިފިއެވެ. އެއާއެކު އަފްޣާނިސްތާނުގެ ފައުޖުތައްވަނީ އެ މަރުކަޒާ ޙަވާލުވެ ފޯރިމަރަން ފަށައިފައެވެ.

މިދިޔަ އޭޕުރިލް މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިން އެ ޤައުމުން ބާލާނެކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތުގެ ދަށުން ގިނަ ޢަދަދެއްގެ އެމެރިކާގެ ސިފައިން މިހާރުވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އެމެރިކާގެ ސިފައިންގެ އިތުރުން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ވިލާތުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައްވެސް އެ ޤައުމުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެ ގޮތުން މިހާތަނަށް ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އެނބުރި ޤައުމަށް އައިސްފައެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލުގެ އުތުރުގައި އޮންނަ ބަގުރާމަކީ އެ ޤައުމުގައި އެމެރިކާގެ ސިފައިން ހިންގި އަސްކަރީ ޙަރަކާތްތަކުގެ އެންމެ މުހިންމު މަރުކަޒެވެ. 2001ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހު އަލްޤައިދާއިން އެމެރިކާއަށް ދިން ޙަމަލާގައި ބިމާހަމަވެފައިވާ ވޯލްޑު ޓުރޭޑު ސެންޓަރުގެ ބައެއްވެސް ބަގުރާމުގައި ހުންނަ ހިންދޫ ކުޝް ފަރުބަދަމަތީގައި ވަޅުލައިފައިވެއެވެ. އަދި ނިރުބުވެރިކަމުގެ ޢަމަލުތައް ހިންގާކަމަށް ޝައްކުކުރެވޭ މީހުން ތަޙްޤީޤަށް އެމެރިކާއިން ބަންދުކޮށްފައިވަނީވެސް ބަގުރާމުގައެވެ. އެ މަރުކަޒު ދޫކޮށްލުންވެފައިވަނީ އަފްޣާނިސްތާނުގައި އެމެރިކާއިން ކުރި ހަނގުރާމަ ނިމުމަކަށް އައިސްފައިވާކަމުގެ ރަނމުޒަކަށެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނީ ބަގުރާމުން އެމެރިކާގެ ސިފައިން ފޭބުމަކީ އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމުގެ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އެ މަރުކަޒު ދޫކޮށް އެމެރިކާގެ ސިފައިން ދިޔަ ނަމަވެސް އަފްޣާނިސްތާނުގެ ސަރުކާރުގެ ފައުޖުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އަދިވެސް އެމެރިކާއަށް އޮތްކަމަށް އެ ވުޒާރާއިން ބުނެއެވެ. ނަމަވެސް އެ ޒިންމާ ދެމި އޮންނާނީ ކިހާ ދުވަހަކަށްކަމެއް އެ ވުޒާރާއިން ބުނެފައެއް ނުވެއެވެ.