ޚަބަރު

އެމެރިކާއަށް އެހީތެރިވި އަފްޣާނިސްތާނުގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރަނީ


އެމެރިކާގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އަފްޣާނިސްތާނުގެ ރައްޔިތުންނާއި އެ މީހުންގެ ޢާއިލާތައް އަވަށްޓެރި ޤައުމުތަކަށް ބަދަލުކުރަން މަޝްވަރާކޮށްފިއެވެ. އެ ގޮތުން މަޝްވަރާތައްކޮށްފައިވަނީ ކަޒަކިސްތާނާއި ތަޖިކިސްތާނާއި އުޒުބަކިސްތާނާއެވެ. ނަމަވެސް އެ ތިން ޤައުމުގެ ތެރެއިން ޤައުމަކާއެކު އަދި އެއްވެސް އެއްބަސްވުމެއް ޤާއިމުކުރެވިފައެއް ނުވެއެވެ.

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިން އަންނަ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އެ ޤައުމުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ. ނަމަވެސް އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ 50،000 މީހުންނާއި އެ މީހުންގެ ޢާއިލާތައް ބޮޑު ނުރައްކަލަކާ ހުށަހެޅުމުގެ ބިރުވެރިކަންވަނީ ފެތުރިފައެވެ. އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައި ބިދޭސީ ފައުޖުތަކަށް އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ރައްކާތެރިކަން ޔަޤީންކޮށްދޭނެކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.

އެމެރިކާގެ އިތުރުން އަފްޣާނިސްތާނުގައި ޙަރަކާތެރިވާ ވިލާތުގެ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އެ ޤައުމުން ފޭބުމުގެ މަސައްކަތްކުރަނީ ޠާލިބާން ޖަމާޢަތުގެ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ޠާލިބާނުންވަނީ އަފްޣާނިސްތާނުގެ ގިނަ ސަރަޙައްދުތަކެއް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ.