ޚަބަރު

ޑރ. ޢިޔާޟް ވަކިކުރީ ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށް - އަދާލަތު


ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް، އެ ޔުނިވާސިޓީން ވަކިކުރިކުރުން ބާޠިލުކޮށް އެ ނިންމުން އަނބުރާ އިޢާދަކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ. ޑރ. ޢިޔާޟް ޔުނިވަރސިޓީން ވަކިކުރީ ސޯޝަލް މީޑިއާގައި، ހަރުކަށި ފިކުރަށް ހިތްވަރުދޭ ގޮތަށް ކުރައްވާ ޕޯސްޓުތަކާ ގުޅިގެން ތަކުރާރުކޮށް އަނގަބަހުންނާއި ލިޔުމުން ނަސޭހަތްތެރިވެ އިންޒާރު ދިނުމުންވެސް މިމައްސަލަ ތަކުރާރުވާތީ އިތުރު ގޮތެއް ނެތިގެން ކަމަށް އެ ޔުނިވަރސިޓީން ވަނީ ވިދާޅުވެފައެވެ.

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފަކީ ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސްއެވެ. މި މައްސަލާގައި އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވަނީ ޔުނިވަރސިޓީން ޑރ. ޢިޔާޟާއި މެދު އެޅި ފިޔަވަޅަކީ، އެފަދަ މަޤާމެއްގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ޢިލްމީ ވެއްޓަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ދިވެހި ރައްޔިތުންގެ އިޙްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާމެދު، ޢަދުލުވެރި އިޖުރާއާތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއްކަމަށެވެ.

އަދި އެކަން ކޮށްފައިވަނީ ޔުނިވަރސިޓީގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް އެފަދަ ސަބަބެއްވެސް އަދި ޙާލަތެއްވެސް ނެތިކަމަށްވެސް އަދާލަތުގެ ބަޔާނުގައިވެއެވެ. އެހެންކަމުން ޔުނިވަރސިޓީން ޑރ. މުޙައްމަދު ޢިޔާޟް ވަކިކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެނިންމުން ބާޠިލުކުރުމަށްވެސް އަދާލަތުން ވަނީ ގޮވާލާފައެވެ. އަދި ޔުނިވަރސިޓީގެ މި ފިޔަވަޅުން ދޭހަކޮށްދެނީ އެ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރުކަމަށްވެސް އަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ.

އިސްލާމްދީނަކީ ސާދަ ޤަރުނަށްވުރެ ދިގުދެމިގެން ގޮސްފައިވާ ޙަޟާރަތެއްގެ މައްޗަށް ބިނާވެފައިވާ ދީނަކަށްވާއިރު، މި ޙަޟާރަތުގެ އެންމެ އަސާސީ ބުންޔާދަކީ ވޭތުވެދިޔަ ދިގު ތާރީޚުގައި ކުރެވިފައިވާ ޢިލްމީ ބަހުސްތަކާއި ހޯދިފައިވާ ހޯދުންތަކާއި ކުރެވިފައިވާ އީޖާދުތައް ކަމަށްވެފައި، އިސްލާމީ ޝަރީޢަތުގެ ފަރުޢީ ބައެއް މައްސަލަތަކާއި ގުޅޭގޮތުން ޢިލްމުވެރިންގެ މެދުގައި ބަހުސްތައް ހިނގާފައިވާއިރު، އަދި އެބަހުސްތަކަކީ ޙައްޤަށް ވާސިލުވުމަށްޓަކައި ކޮންމެހެން ލާޒިމު މަރުހަލާއަކަށް ވެފައި އަދި މިފަދަ ގިނަ ބަހުސްތަކަކީ މެދުކެނޑުމެއް ނެތި ހިނގަމުންދާ ބަހުސްތަކަކަށް ވާތީ، މިފަދަ ޢިލްމީ ބަހުސްތަކާ ގުޅޭ ޙަޤީޤަތެއް ބަޔާންކުރުމަކީ، އެކަން ބަޔާންކުރާ ޢިލްމުވެރިއަކު އެ ރައުޔަކަށް ބުރަވާކަން ދޭހަކޮށްދޭ ކަމެއް ނޫންކަމަށްވެސް އަދާލަތުގެ ބަޔާނުގައިވެއެވެ. އަދި އެއީ އެރައުޔަކީ ޙައްޤު ގޮތް ނުވަތަ ޙައްޤު ގޮތާ އެންމެ ގާތްގޮތް ކަމަށް ދައްކުވައިދޭ ކަމެއްވެސް ނޫންކަމަށާއި އެކަމަކީ އިސްލާމްދީނުގެ ޢިލްމީ ޙަޟާރަތުގެ މުއްސަނދިކަން ދައްކުވައިދޭކަމެއްކަމަށްވެސް އަދާލަތުގެ ބަޔާނުގައިވެއެވެ.

ޔުނިވަރސިޓީން ޑރ. ޢިޔާޟް ވަކިކުރަން ނިންމި ނިންމުމަކީ އިންސާފުވެރި ފިޔަވަޅެއް ނޫންކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲވެސް ވަނި ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ޑރ. ޢިޔާޟްއަކީ ރާއްޖޭގެ އިސްލާމީ ޝަހުޝިއްޔަތު ހަރުދަނާ ކުރުމަށް ދީނީ އިލްމްވެރިއއްގެ ހައިސިއްޔަތު ނުހަނު ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. ޑރ. ޢިޔާޟްގެ ފިގްހީ ރައިޔާއި އެއްބަސް ނުވެވުނު ނަމަވެސް ޔުނިވަރސިޓިން އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއްކަމަށް ނުދެކޭކަމަށްވެސް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

ދީނީ ހިލާފުތަކާއި މެދު އިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއި އިލްމީ ގޮތުން ރީތި އަހްލާގީ ބަހުސްކޮށް ހައްލު ހޯދެންވާނެކަމަށާއި ރާއްޖޭގެ އެންމެ ބޮޑު ޔުނިވަރސިޓީން އެދޮރު ބަންދުކޮށް ހަރުކަށިކަން ިއސްކުރުމަކީ ބަލައިގަނަވޭނެކަމަށް ނޫންކަމަށްވެސް ޝައިހް އިމްރާން ވަނީ ވިދާޅުވެފައެވެ.