ޚަބަރު

ހަނގުރާމައިގައި ކުޑަކުދިން ބައިވެރިކުރާ ޤައުމުތަކުގެ ލިސްޓުގައި ތުރުކީވިލާތް ހިމަނައިފި


ފާއިތުވި އަހަރުގެ ތެރޭގައި އެކިކަހަލަ ޙަމަލާތައް ދިނުމުގައި ތުރުކީވިލާތުން ކުޑަކުދިން ބައިވެރިކޮށްފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

ޖުލައި މަހުގެ 1ވަނަ ދުވަހު އެމެރިކާއިންވަނީ ޙަމަލާތަކުގައި ކުޑަކުދިން ބައިވެރިކުރާ ޤައުމުތަކުގެ ލިސްޓަށްވެސް ތުރުކީވިލާތް އިތުރުކޮށްފައެވެ. މިއީ އެފަދަ ލިސްޓެއްގައި ހުޅަނގުގެ އަސްކަރީ އިއްތިޙާދު ނޭޓޯއަށް ނިޞްބަތްވާ ޤައުމެއް ހިމަނާފައިވާ ފުރަތަމަ ފަހަރެވެ. އެއާއެކު ތުރުކީވިލާތާއި އެމެރިކާއާ ދެމެދު އޮންނަ ނުތަނަވަސް ގުޅުން އިތުރަށް ގޯސްވާނެކަމަށް ޤަބޫލުކުރެވެއެވެ.

އެމެރިކާގެ ސްޓޭޓު ޑިޕާޓްމަންޓުން ތައްޔާރުކުރި 2021 ޓުރެފިކިން އިން ޕާސަންސް، ޓީއައިޕީގައި ބުނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ޖަމާޢަތެއްކަމަށްވާ ސުލްޠާނު މުރާދަށް ތުރުކީވިލާތުން ވާގިވެރިވާކަމަށެވެ. އެ ޖަމާޢަތަކީ ހަނގުރާމައިގައި ކުޑަކުދިން ބޭނުންކުރާ ޖަމާޢަތެއްކަމަށް އެމެރިކާއިން ބުނެއެވެ. އެމެރިކާއިން ބުނީ ލީބިޔާގައިވެސް ހަނގުރާމަވެރިންގެ ގޮތުގައި ކުޑަކުދިން ބޭނުންކުރަމުންދާކަމަށާއި އެ މައްސަލައަށް ޙައްލެއް ހޯދުމަށް ތުރުކީވިލާތާއެކު މަސައްކަތްކުރުމަށް އެމެރިކާއިން އެދޭކަމަށެވެ.

ތުރުކީވިލާތުންވަނީ ސޫރިޔާގައި އައިއެސްއާ ދެކޮޅަށް ދޭ ޙަމަލާތަކާއި އެމެރިކާއިން ވާގިވެރިވާ ކުރުދީންނާ ދެކޮޅަށް އަސްކަރީ ތިން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. ތުރުކީވިލާތުގެ އަމިއްލަ ފައުޖުތަކުގެ އިތުރުން ސޫރިޔާގެ ހަތިޔާރުއެޅި އެކި ޖަމާޢަތްތަކުގެ ހަނގުރާމަވެރިންވެސް ތުރުކީވިލާތުންދޭ ޙަމަލާތަކުގައި ބައިވެރިކުރެއެވެ. އެފަދަ ބައެއް ޖަމާޢަތްތަކަކީ ސަބަބެއްނެތި ޢާންމުންނަށް ޙަމަލާދިނުމާއި ފޭރުމާއި މީހުން ވަގަށް ނެގުންފަދަ ޢަމަލުތައް ކުރާ ޖަމާޢަތްތަކެއްކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކާއި އދން ތުޙުމަތުކުރެއެވެ. އެފަދަ ޢަމަލުތައް ހިންގިޔަ ނުދިނުމަށް މަސައްކަތްކުރުމަށް އދން ތުރުކީވިލާތަށް އަންގާފައިވި ނަމަވެސް ތުރުކީވިލާތުންވަނީ އެ ތުޚުމަތުތަކުގައި އަސާސެއްނުވާކަމަށް ބުނެފައެވެ.

ލީބިޔާގެ ދާޚިލީ ހަނގުރާމައިގައިވެސް ތުރުކީވިލާތުން ބައިވެރިވެއެވެ. އެގޮތުން އދން ބަލައިގެންފައިވާ ޖީއެންއޭއަށް ތުރުކީވިލާތުން ވާގިވެރިވެއެވެ. ތުރުކީވިލާތުގެ އެހީތެރިކަމާއެކު ލީބިޔާގެ ވެރިކަންކުރާ ތުރާބުލުސް ޖީއެންއޭގެ ބާރުގެ ދަށަށްވަނީ ގެންގޮސްފައެވެ.

އެމެރިކާގެ ލިސްޓުގައި ހިމަނާ ޤައުމުތަކަށް ސަލާމަތީ އެހީތެރިކަން ދިނުމުގައިއާއި އަސްކަރީ ސާމާނަށް ވިޔަފާރި ލައިސެންސު ހޯދުމުގައި އުނދަގޫވެއެވެ. އެ ދަތިތައް ތުރުކީވިލާތާ ދެކޮޅަށް ތަންފީޒުކުރާނެކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.