ޚަބަރު

މެލޭޝިޔާގެ ކުއަލަ ލަމްޕޫރާއި ސެލަންގޯގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފި


މެލޭޝިޔާގެ ވެރިކަންކުރާ ސްޓޭޓު ކުއަލަ ލަމްޕޫރާއި ސެލަންގޯ ސްޓޭޓުގައި ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިޔާގައި މިހާތަނަށް 758،967 މީހުންނަށް ކޯވިޑް-19 ޖެހި 5،254 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 6،988 މީހުންނަށް ބަލިޖެހި 84 މީހުންވަނީ މަރުވެފައެވެ. މެލޭޝިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފެށުމުން މިދިޔަ މެއި މަހުގެ 12ވަނަ ދުވަހު އެ ޤައުމުވަނީ ފުރަބަންދުކޮށްފައެވެ. ނަމަވެސް ޤައުމުގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އިޤްތިޞާދީ ޙަރަކާތްތައް ކުރިޔަށްގެންދިޔުމުގެ ޙުއްދަ ދިނެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދަށް އެދެވޭ ބަދަލެއް ނައުމުން ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެން އިޤްތިޞާދީ ޙަރަކާތްތައްވެސްވަނީ މެދުކަނޑާލައިފައެވެ. ފުރަބަންދު އުވާލާނީ ދުވާލަކު ބަލިޖެހޭ މީހުންގެ ޢަދަދު 4،000އަށްވުރެ ދަށަށް ދިޔުމުންކަމަށް އެ ޤައުމުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންވަނީ ވިދާޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މެލޭޝިޔާގައި ބަލިޖެހުނު މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ ކުއަލަ ލަމްޕޫރާއި ސެލަންގޯއިންނެވެ. އެ ދެ ސްޓޭޓުގެ ކޮންމެ ޑިސްޓުރިކްޓެއްގައިވެސް ކޮންމެ 100،000 މީހުންގެ ތެރެއިން ބަލިޖެހޭ މީހުންގެ ނިޞްބަތްހުރީ 12.1ގައެވެ. އެ ދެ ސަރަޙައްދުގައި ބަލިފެތުރޭ މިންވަރު ދަށަށް ދާން ފަށާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށް މެލޭޝިޔާގެ ދިފާޢީ ވަޒީރު އިސްމާޢިލް ޞަބްރީ ޔައުޤޫބު ވިދާޅުވެއެވެ.

ބަލިޖެހޭ މީހުންގެ ޢަދަދަށް އެދެވޭ ބަދަލެއް އައިސްފައިނުވާތީ ކުއަލަ ލަމްޕޫރާއި ސެލަންގޯގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރުމަށް ނިންމި ނިންމުމުގެ ދަށުން ދެ ހަފުތާގެ މުއްދަތަށް އެ ދެ ސްޓޭޓުގައި ހުޅުވާފައި ބެހެއްޓޭނީ ޒަރޫރީ ސާމާނު ފޯރުކޮށްދޭ ވިޔަފާރިތައް އެކަންޏެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުމަށް ބޭނުންކުރާ ސާމާނު ތައްޔާރުކުރާ ކާރުޚާނާތައް ހިމެނެއެވެ.