ޚަބަރު

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސަބަބުން ކޯވިޑް-19ޖެހޭ މީހުންގެ ޢަދަދު އިތުރުވަނީ


ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސަބަބުން ކޯވިޑް-19ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން ބުނެފިއެވެ.

ފާއިތުވި 10 ހަފުތާގެ ތެރޭގައި ވިލާތުގެ ޤައުމުތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަނީ ދަށްވެފައެވެ. ނަމަވެސް ޔޫރޯ ފުޓުބޯޅަ މުބާރާތް ފެށިފަހުން ބަލިޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވާން ފަށައިފައިވާކަމަށް ޑަބުލިޔުއެޗުއޯއިން ބުނެއެވެ. ފުޓުބޯޅަ ކުޅޭ ދަނޑުތަކަށް ކުޅިބަލަންދާ މީހުން އިތުރުވުމާއި މެޗު ބެލުމަށް ކެފޭތައްފަދަ ތަންތަނަށް ޖަމާވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން ފާއިތުވި ހަފުތާގެ ތެރޭގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 10 އިންސައްތަ އިތުރުވެފައިވާކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. ފުޓުބޯޅަ މުބާރާތުގެ ޙަރަކާތްތަކުގައި ބައިވެރިވާ މީހުން ސަމާލު ނުވާނަމަ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަކުރާނަމަ ކުރިއަށް އޮތްތަނުގައި ބަލީގެ އައު ރާޅެއް ފެތުރެން ފެށުމަކީ ވަރަށް އެކަށީގެންވާކަމެއްކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.

ޑަބުލިޔުއެޗުއޯއިން ބުނީ މައްސަލައަކީ ކުޅިވަރުކުޅޭ ދަނޑުތައް އެކަނި ނޫންކަމަށާއި ކުޅިބަލަން ހާޒިރުވާ މީހުން ދަތުރުކުރާ ގޮތާއި މެޗަށްފަހު އެމީހުންގެ ޢަމަލުތައް ހުންނަ ގޮތަކީވެސް ބަލަންޖެހޭ ކަންކަންކަމަށެވެ. ތޮއްޖެހިފައިވާ ބަސްތަކުގައި ދަތުރުކުރުމާއި ކެފޭ ރެސްޓޯރަންޓުތަކުގައި މެޗުތައް ބަލަންތިބުންފަދަ ޢަމަލުތަކުގެ ސަބަބުންވެސް ބަލިފެތުރޭ މިންވަރު އިތުރުވަމުންދާކަމަށް އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ގިނަ ޢަދަދެއްގެ މީހުންނަށް ކުޅިބެލުމަށް ދަނޑަށް ޒާހިރުވުމުގެ ފުރުޞަތު ވިލާތުގެ ފުޓުބޯޅަ ފެޑެރޭޝަނުން ދީފައިވާތީ ޖަރުމަނުވިލާތުގެ ދާޚިލީ ވަޒީރުގެ ފާޑުކިޔުންވަނީ އެ އިދާރާއަށް ރައްދުވެފައެވެ. އޭނާ ވިދާޅުވީ އެ ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއްކަމަށެވެ. ނަމަވެސް ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނީ މެޗުތައް ބާއްވާ ހުރިހާ މައިދާނެއްގައި އާންމު ޞިއްޙަތާބެހޭ އިދާރާތަކުން އެޅުމަށް އަންގާފައިވާ ހުރިހާ ފިޔަވަޅެއް ފުރިހަމައަށް ތަންފީޒުކުރަމުންދާކަމަށެވެ.