ޚަބަރު

އިންސާނީ ވަގުފާރިއާ ދެކޮޅަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅާފައި: އެމެރިކާ


އިންސާނީ ވަގުފާރިއާ ދެކޮޅަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވާއިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުއްވާ ޓްރެފިކިންގއިން ޕަރސަންސް، ޓިޕް ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ވަނީ ކުރިއަށްޖެހިލާފައެވެ.

2017 ވަނަ އަހަރުން ފެށިގެން ރާއްޖެ އޮތީ މި ލިސްޓުގެ ޓިއަރ 2 ވޮޗް ލިސްޓުގައެވެ.

މިނިސްޓްރީ އޮފް ޑިފެންސްއިން ވިދާޅުވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދިން ކުރިއެރުމާއެކު ހާމަވެގެންދިޔައީ ރާއްޖެއިން އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާވުން ކަމުގައެވެ.

މިދިޔަ އަހަރުގެ ތެރޭގައި މުހިއްމު ފިޔަވަޅުތަކެއް އިންސާނީ ވަގުފާރިއާ ދެކޮޅަށް ރާއްޖެއިން ނޭޅިނަމަ އެމެރިކާއިން ކޮންމެ އަހަރަކު ނެރޭ ރިޕޯޓުގައި ރާއްޖެ ޓިއަރ 3 އަށް ވެއްޓި އެޤައުމުން ރާއްޖެއަށް ލިބޭ ގިނަ އެހީތަކެއް މެދުކެނޑިގެންދާނެއެވެ. އެހެންނަމަވެސް އެކަން އެގޮތަށް ވުމުން ހުއްޓުވުނީ ދަތި އުނދަގޫ ޙާލަތެއްގައިވެސް އިންސާނީ ވަގުފާރިއާ ދެކޮޅަށް ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް އެމެރިކާ ސަރުކާރުން ހާމަކުރައްވާކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ޓްރެފިކިންގ ރެކޯޑަށް ބެލުމަށްފަހު، އެމެރިކާ ސަރުކާރުން ވަނީ ޓްރެފިކިންގ ވޮޗް ލިސްޓުގައި 2017 ވަނަ އަހަރު ރާއްޖެ ހިމަނާފައެވެ. ޖެހިޖެހިގެން 3 އަހަރު ޓިއަރ 2 ގައި ރާއްޖެ ކުރިއެރުމެއް ނެތި އޮވެއްޖެކަމުގައިވާނަމަ އޮޓޮމެޓިކުން ރާއްޖެ ރޭންކު ޓިއަރ 3 އަށް ވެއްޓޭނެއެވެ.

އެހެންނަމަވެސް 2020 ވަނަ އަހަރު ހިއުމަން ޓްރެފިކިންގާ ދެކޮޅަށް އާ އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް ރައްޖެއިން ވަނީ މިރޭންކިންގައި ޓިއަރ 3 އަށް ވެއްޓުމުން ސަލާމަތްވެފައެވެ. މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒުން ވިދާޅުވީ ޓިއަރ 3 އަށް ވެއްޓުމަކީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެއްވާ ނޮން-ހިއުމެނިޓޭރިއަން އެހީ ކަނޑާލުމަށް މަގުފަހިވާނެ ކަމަށެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި، ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ޙާސިލްކޮށްފައެވެ. އޭގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ޝެލްޓަރެއް ގުޅީފަޅުގައި ޤާއިމްކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގއިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމްކުރުމަށާއި އެކްޝަން ޕްލޭން ތަންފީޛުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނާއި، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ޤާނޫނަށް ބަދަލު ގެނެސް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.