ޚަބަރު

ސްވިޓްޒަލަންޑާއި ސްޕެއިން ޔޫރޯގައި އިތުރަށް ކުރިއަށް ދިއުމުގެ އުންމީދުގައި


ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލްގެ ފުރަތަމަ މެޗްގައި ސްވިޓްޒަލަންޑާއި ސްޕެއިން މިރޭ ބައްދަލުކުރާއިރު މިދެޓީމްވެސް ތިބީ މިމުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ އުންމީދުގައެވެ. އުންމީދު ނުކުރާންވީ ސަބަބެއްވެސް ނެތެވެ. މިދެޓީމްވެސް ކްއާޓަރ ފައިނަލަށް ދަތުރުކުރީ ވަރުގަދަ ދެޓީމާއި ވާދަކޮށް ފުރިހަމަ ދެކާމިޔާބީއާއެކުއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުން ސްވިޓްޒަލަންޑް ޖާގަހޯދީ ދެވަނަ ބުރުގައި ދުނިޔޭގެ ޗެމްޕިއަން އަދި މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަ ބަޔަކު ބުނަމުންދިޔަ ފަރަންސޭސިވިލާތް ބަލިކުރުމަށްފަހުއެވެ. އެމެޗަށްފަހު ވާހަކަ ދައްކަމުން އެކާމިޔާބީ ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ސްވިޓްޒަލަންޑްގެ ކީޕަރ ޔާން ސޮމަރ ހާމަކުރިގޮތުގައި އެއީ ފޯރިގަދަ ބަލާހިތްވާ ފުޓްބޯޅަ މެޗެއް ފެނިގެންދިޔަ ރެއެއްކަމަށެވެ. ސޮމަރ ފާހަގަ ކުރިހެން އެރޭ ފެނިގެންދިޔައީ މިފަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ ފާހަގަ ވެގެންދިޔަ އެއްމެޗެވެ. ރެފްރީގެ ފުރަތަމަ ކަށިގަނޑާއެކު 90 މިނެޓްގެ ކުޅުން ނިމި އިތުރުވަގުތުގެ ދެހާފް ނިމެންދެންވެސް ދެޓީމްގެ ސަޕޯޓަރުންނާއި މިމެޗް ބެލި އެންމެހާ ފާރާތްތަކުންވެސް ތިބީ ދެންވާނީ ކިހިނެއްތޯ ނޭނގޭ ހިސާބަށް ގޮސްފައެވެ. އެންމެފަހުން ޕެނަލްޓީއަށް ގޮސް އެކުޅުންތެރިޔަކާއި ޤައުމުގެ ގިނަ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވި ފަރަންސޭސި ފޯވަޑް ކިލިއަން އެމްބާޕޭގެ ޕެނަލްޓީ ސޮމަރ މަތަކުރުމާއެކު 1938 ވަނަ އަހަރު ބޭއްވި ފީފާ ވާރލްޑް ކަޕަށްފަހު ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ބޮޑު މުބާރާތެއްގެ ނޮކްއައުޓް ރައުންޑްގެ މެޗަކުން ސްވިޓްޒަލަންޑް މޮޅުވިއެވެ.

ގްރޫޕް މަރްހަލާގައި އިޓަލީވިލާތް އަތުން ތިންލަނޑު ސުންލަނޑުން ސްވިޓްޒަލަންޑް ބަލިވުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން ޓީމަށް އަމާޒުވެ އަދި ޓީމްގެ ކޯޗް ވްލަޑްމިއަރ ޕެޓްކޮވިޗު މައާފަށް އެދުނު އިރު ފަރަންސޭސީންގެ މައްޗަށް ހޯދި ކާމިޔާބީއާއެކު ގިނަ ބައެއްގެ ތައުރީފް އެޓީމަށް އޮހެމުންދާއިރު ޤައުމުގެ ރައްޔިތުން މިޓީމާމެދު ކުރާ އުންމީދުތައް ވެސް ވަނީ އިތުރުވެފައެވެ.

މިރޭގެ މެޗްގައި ސްވިޓްޒަލަންޑާއި ވާދަކުރާ ސްޕެއިން ޓީމަށް ބަލާލާއިރު އެޓީމްވެސް ކްއާޓަރ ފައިނަލުން ޖާގަހޯދީ އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗަކަށްފަހު ވަރަށް ފުރިހަމަ ކާމިޔާބީއެއް އެންމެފަހުގެ ވާރލްޑް ކަޕްގައި ފަރަންސޭސިވިލާތް އަތުން ބަލިވި ކްރޮއޭޝިއާ އާއި ބައްދަލުކޮށް ހޯދާއިގެންނެވެ. މިމެޗްވެސް ވެގެންދިޔައީ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ އަދި 90 މިނެޓްގެ ކުޅުން ނިމެންދެން ދެޓީމްގެ ސަޕޯޓަރުން ނޭވާ ހިފަހައްޓާލައިގެންތިބެން ޖެހުނު މެޗަކަށެވެ. ފަހުގެ ތާރީހެއްގައި މިފެންވަރުގެ މެޗަކުން ނުފެންނަ އާދަޔާހިލާފު ބައިގޯލެއް ސްޕެއިން ކޮޅަށް ވަނުމާއެކުވެސް އެކަމުންއަރައިގަނެ ފަހަތުން އަރާ ތިން ލަނޑު ޖަހައި މެޗްގެ ފަހު ވަގުތުކޮޅު ކްރޮއޭޝިއާއިން މެޗްގެ ނަތީޖާ ހަމަހަމަކުރިތަން ފެނިގެން ދިޔައިރު، އިތުރު ވަގުތުގައި ސްޕެއިންއިން އިތުރު ދެލަނޑު ޖަހާ މެޗް ކާމިޔާބު ކުރުން ވެގެންދިޔައީ ހަގީގަތުގައި ވެސް ވަރަށް ފާހަގަކޮށްލެވުނު މެޗަކަށެވެ. ގްރޫޕް މަރުހަލާގެ ފުރަތަމަ ދެމެޗް އެއްވަރު ވެގެން ނިމުނު ކަމުގައިވީ ނަމަވެސް ސްޕެއިން ވެފައިވަނީ ޔޫރޯގެ ތާރީޚުގައި ޖެހިޖެހިގެން ދެމެޗްގައި ފަސްލަނޑު ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. މިވަރުންވެސް ކްއާޓަރ ފައިނަލަށް ސްވިޓްޒަލަންޑާއި ސްޕެއިން ނިކުންނައިރު މިދެޓީމް އޮތް ފޯމް ހާމަވެގެންދެއެވެ.

ސްވިޓްޒަލަންޑްގެ ކޯޗް ޕެޓްކޮވިޗް ހާމަކުރިގޮތުގައި އޭނާގެ ޓީމް މިހާރު ތިބީ އިތުރު ކާމިޔާބީ ހޯދުމަށް ކެތް މަދުވެފައެވެ. އޭނާ ހާމަކުރިގޮތުގައި މިމުބާރާތުގެ ކްއާޓަރ ފައިނަލަށް ދަތުރު ކުރުމުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރެވިފައިވާކަމަށާއި ނަމަވެސް އެކުޅުންތެރިން ތިބީ އިތުރު ކާމިޔާބީއެއް ހޯދާ މިމުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ފެން ބޮވައިގެންފައެވެ. ދެން އޮތީ އިތުރު ފިޔަވަޅެއް ކުރިއަށް އެޅޭތޯ މަސައްކަތް ކުރުން ކަމަށާއި އެ ފިޔަވަޅު އަޅަން މިޖެހެނީ މުބާރާތުގައި ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ސްޕެއިން އާއި ދެކޮޅަށް ކަމަށްވިޔަސް އެފިޔަވަޅު އެޅޭތޯ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިމެޗާއި ކުރިމަތިލާއިރު ޓީމްގެ މައި މުގޫ ކަމަށްވާ ކެޕްޓަން ގްރަނިޓް ޜަކާއަށް ދެކާޑު ހަމަވުމުގެ ސަބަބުން ނުކުޅެވޭކަމީ ޓީމަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށާއި ނަމަވެސް އެމެޗްގައި ބޭނުންވަނީ ހުރިހާ ކުޅުންތެރިންވެސް މިހާރު ކުރާވަރަށްވުރެ ތަންކޮޅެއް އިތުރަށް މަސައްކަތް ކޮށްލުން ކަމަށެވެ. އެއީ ކޮންމެހެން ޜަކާ ނެތްތަން ފޫބައްދަން ނޫން ކަމަށާއި އޭގެ ބަދަލުގައި ސްޕެއިން ބަލިކުރަން ކަމަށެވެ. ސްޕެއިންއަށް ފުރިހަމައަށް އިހްތިރާމް ކުރާ ކަމަށާއި ނަމަވެސް މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދަން މިޓީމުން ބޭނުން ވާކަމުގައި އޭނާ ހާމަކުރިއެވެ. މިމެޗްގައި ޜަކާގެ ބަަލުގައި ކެޕްޓަން ބޭންޑް އަޅައިގެން ޓީމް ލީޑު ކުރުމަށް ހަމަޖެހިފައިވާ ޝެރްދާން ޝަކީރީ ހާމަކުރިގޮތުގައި މިހާ މުހިންމު މެޗެއްގައި ޓީމް ގޮވައިގެން ނުކުތުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާކަމަށެވެ. އަދި މިމެޗްގައި ރަނގަޅަށް ކުޅެ މޮޅުވާން ބޭނުންކަމަށާއި މިމުބާރާތުގައި ސްވިޓްޒަލަންޑް ވާނީ މިއީ ހަމައެކަނި ޑިފެންޑް ކުރާ ޓީމެއް ނޫންކަން ދައްކުވާދީފައިކަމަށެވެ.

ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ހާމަކުރިގޮތުގައި އޭނާގެ ކުޅުންތެރިން ތިބީ ކްރޮއޭޝިއާ އާއި ކުޅެ 5 ލަނޑު 3 ލަނޑުން މޮޅުވި ފަދަ އެހެން މެޗެއް ކުޅުމަށްވެސް ތައްޔާރަށެވެ. ނަމަވެސް އެޓީމަށް ސަޕޯޓް ކުރާ ފަރާތްތަކުން އެފަދަ ހާސްކަން ބޮޑު މެޗެއް ފެނުމަށް އުންމީދު ނުކޮށްފާނެކަމަށެވެ. ނަމަވެސް ކިތަންމެ އުނދަގޫ ވިޔަސް ސްޕެއިން ޓީމް ކުޅޭ ގޮތަށް ބަދަލެއް ނުގެންނާނެކަމަށް އެންރީކޭ ހާމަކުރިއެވެ. ސްޕެއިން ޓީމް ޑިފެންޑްވެސް ކުރާނީ ބޯޅަ ހޯދާ ހަމަލާ އުފައްދަންކަމަށް އޭނާ ހާމަކުރިއެވެ. ކްރޮއޭޝިއާ މެޗްގައި މޮޅު ކުޅުމެއް ދެއްކި ފެރާން ޓޯރޭޒް ހާމަކުރިގޮތުގައި ފުރަތަމަ ދެމެޗަށްފަހު ގިނަ ބަޔަކު ދިޔައީ ސްޕެއިން ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވެނެކަމަށް ބުނަމުންކަމަށެވެ. ނަމަވެސް ސްޕެއިން ޓީމްގެ އެއްވެސް ކުޅުންތެރިޔަކު އެގޮތަށް ނުދެކުނު ކަމަށާއި އަދި ގަދައަށް މަސައްކަތް ކުރުމުން އޭގެ ފައިދާ ފެންނާނެކަމަށް ޓޯރޭޒް ހާމަކުރިއެވެ. އަދި ކްއާޓަރ ފައިނަލްގައި އެޓީމް ވާދަކުރަން ޖެހެނީ ކޮން ޓީމެއްތޯ ބެލުން މުހިންމެއް ނޫން ކަމަށާއި މުހިންމީ އަމިއްލަ ޓީމްގެ ކުޅުން ކުޅެ މެޗުން މޮޅުމަށް މަސައްކަތްކުރުން ކަމަށެވެ.
މިމެޗުން މޮޅުވާޓީމެއް ސެމީ ފައިނަލްގައި ބައްދަލުކުރާނީ ބެލްޖިއަމް އާއި އިޓަލީވިލާތް މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ރަޝިޔާގެ ސެއިންޓް ޕީޓަރސްބަރގްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 9 ޖަހާއިރުއެވެ.