ވިޔަފާރި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން "އީ ޓުކުރި" ތަޢާރަފްކޮށްފި


ތަރައްޤީގެ މުޅިން އާ އަމާޒަކަށް ޒުވާނުން ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން "އީ ޓުކުރި" ތަޢާރަފުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ސައީދު ވިދާޅުވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އީ ކޮމާސްގެ ތެރެއަށް ވަދެ "އީ ޓުކުރީ"ގެ ނަމުގައި އޮންލައިން ވިޔަފާރި ކުރެވޭނެ މަގު ވިޔަފާރިތަކަށާއި، ރާއްޖޭގެ ޒުވާނުންނަށް ހުޅުއްވާ މިދެއްވީ އޮންލައިންގެ ވިޔަފާރި ރާއްޖޭގައި ފުޅާވެފައި ވަނިކޮށްކަމަށެވެ. އެގޮތުން އޮންލައިންގެ ޒަރިއްޔާއިން ވަރަށް ގިނަ މުއާމަލާތްތައް މިހާރު ރާއްޖޭގައި ހިނގަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތަޢާރަފުކުރި އީ ޓުކުރި ޚިދުމަތާއެކު ދުނިޔޭގެ އެންމެ ބޮޑު ދެ އޮންލައިން މާކެޓް ކަމުގައިވާ ޗައިނާއާއި، އެމެރިކާގެ އޮންލައިން ފިހާރަތަކުން މުދާ ގަތުމުގެ ފުރުސަތު ދިވެހިންނަށް ވަނީ ފަހިވެގެން ގޮސްފައިއެވެ. އެގޮތުން އޮންލައިން އެޕްލިކޭޝަން "އީ ޓުކުރި" މެދުވެރިކޮށް ވިޔަފާރިތަކުން މުދާ އޯޑަރު ކުރުމުން ފެށިގެން މުދާ ލިބިގަތުމާއި ހަމައަށް އެކުރެވޭ އެންމެހާ މުޢާމަލާތްތައް ޕޯސްޓްގެ ނިޒާމްގެ ތެރެއިން ކުރެވޭނެކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މައުލޫމާތުދެއްވައެވެ. އަދި މުސްތަޤުބަލުގައި މިޚިދުމަތުގެ ތެރެއަށް އިތުރުކުރެވޭ އެކްސްޕޯޓް ކޮމްޕޯނެންޓާއެކު ރާއްޖޭގެ ވިޔަފާރިތަކުން ނުވަތަ އުފެއްދުންތެރިންގެ އުފެއްދުންތައް ޕޯސްޓްގެ ވިޔުގައިގެ ތެރެއިން އިންޓަރނޭޝަނަލް މާކެޓްތަކަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މައުލޫމާތުދެއްވައެވެ.