ޚަބަރު

ޑެލްޓާ ވޭރިއެންޓުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ ވެކްސިން ޖެހުން


މިދިޔަ އަހަރުގެ ތެރޭގައި އިންޑިޔާއިން ފެނުނު ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓު މިހާރުވަނީ މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރިފައެވެ. ވާރުތަވުމުގެ ބާރުގަދަ ޑެލްޓާގެ ސަބަބުން އެންމެ ފުރިހަމައަށް ވެކްސިން މަސައްކަތްނުކުރި ވެކްސިންގެ ސަބަބުން އެ ވޭރިއަންޓާ ދެކޮޅަށް ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށްދެއެވެ.

އިނގިރޭސިވިލާތުން ފެނުނު ކޯވިޑް-19ގެ އައު ވައްތަރުކަމަށްވާ އަލްފާ ވޭރިއަންޓާ ދެކޮޅަށް އެސްޓުރަޒެނެކާގެ ވެކްސިންގެ ކާމިޔާބީގެ ނިޞްބަތަކީ 67 އިންސައްތައެވެ. ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް އެސްޓުރަޒެނެކާ ވެކްސިން މަސައްކަތްކުރާ މިންވަރު އިނގިރޭސިވިލާތުގެ އާންމު ޞިއްޙަތާބެހޭ އިދާރާ، ޕީއެޗުއީއިންވަނީ ދިރާސާކޮށްފައެވެ. އެ ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް 60 އިންސައްތައަށް ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށްދެއެވެ. އެހެންކަމުން ވެކްސިން ނުޖަހައި މީހުންނަށްވުރެ ވެކްސިން ޖަހާފައިވާ މީހުންގެ ކިބައިން ބަލީގެ ޢަލާމަތްތައް ފެންނަ މިންވަރު ކުޑަކަމަށްވަނީ ފާހަގަވެފައެވެ. އަދި ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހޭ މީހުންގެ ޙާލަތު ގޯސްވިޔަ ނުދިނުމުގައި އެސްޓުރަޒެނެކާގެ ވެކްސިންގެ ކާމިޔާބީގެ ނިޞްބަތަކީ 92 އިންސައްތައެވެ.

ޖޫން މަހުގެ ކުރީކޮޅު ސައިންސްވެރިންވަނީ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ފައިޒަރ ވެކްސިން މަސައްކަތްކުރާ މިންވަރު ދިރާސާކޮށް ކަރުދާހެއް ޝާޢިރުކޮށްފައެވެ. ސައިންސްވެރިންގެ ހޯދުންތަކުން ދައްކާގޮތުގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހޭ މީހުންގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެނުން 88 އިންސައްތައަށް ކުޑަކޮށްދެއެވެ. އަލްފާ ވޭރިއަންޓާ ދެކޮޅަށް އެ ނިޞްބަތް ހުރީ 93 އިންސައްތައިގައެވެ. އަލްފާ ވޭރިއަންޓަށްވުރެ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ފައިޒަރ ވެކްސިން މަސައްކަތްކުރާ ނިޞްބަތް ދަށްވި ނަމަވެސް ޢަލާމާތްތައް ފެންނަ މީހުންގެ ޙާލަތު ބޮޑަށް ގޯސްވެ ހަސްފަތާލުގައި ފަރުވާ ހޯދަންޖެހޭ މިންވަރު 86 އިންސައްތައަށް އެ ވެކްސިނުން ކުޑަކޮށްދެއެވެ.

ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިން މަސައްކަތްކުރާ މިންވަރާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ. އެންމެ ޑޯޒެއް ހިމެނޭ އެ ވެކްސިނުން ކޯވިޑް-19 ޖެހޭ މީހުންނަށް 65 އިންސައްތައިގެ ރައްކާތެރިކަމެއް ލިބެއެވެ. ނަމަވެސް އެ ނިޞްބަތަށް ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ރައްކާތެރިކަން ލިބޭނެކަމަކަށް ނުބެލެވެއެވެ. ޚާއްޞަކޮށް ވެކްސިންގެ އެންމެ ޑޯޒަކުން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް އެދެވޭ ނަތީޖާއެއް ނެރެވޭނެކަމަކަށް ނުބެލެވެއެވެ. އެހެންކަމުން ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިން ޖަހާފައިވާ މީހުންނަށް ކުރިޔަށް އޮތްތަނުގައި ވެކްސިންގެ ބޫސްޓަރެއް ދޭންޖެހޭނެކަމަށް ބެލެވެއެވެ.

ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް އެމެރިކާގެ މޮޑާނާ ވެކްސިން މަސައްކަތްކުރާ މިންވަރުގެ ހިސާބުތައް ފުރަތަމަ ފަހަރަށް ޢާންމުކޮށްފައިވަނީ ޖޫން މަހުގެ 29ވަނަ ދުވަހުއެވެ. މޮޑާނާ ކުންފުނިން ބުނީ ޑެލްޓާ، ގެމާ، ކަޕާ އަދި އީޓާ ވޭރިއަންޓާ ދެކޮޅަށް އެ ކުންފުނީގެ ވެކްސިނުން ރައްކާތެރިކަން ކަށަވަރުކޮށްދޭ މިންވަރު އެހެން ވޭރިއަންޓުތަކަށްވުރެ ކުޑަ ތަންކޮޅެއް ދަށްކަމަށެވެ. ޗައިނާގައި ފުރަތަމަ ފެތުރެންފެށުނު ކޯވިޑް-19ގެ ވައްތަރަށްވުރެ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ވެކްސިނުން ރައްކާތެރިކަން ކަށަވަރުކޮށްދޭ މިންވަރު 2.1 ގުނަ ދަށްކަމަށް އެ ކުންފުނިން ބުނެއެވެ. އެ ވެކްސިން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު މޮޑާނާއިން ބުނެފައެއް ނުވެއެވެ. ގައިންގަޔަށް އަރައި ބަލިތަކާބެހޭ އެމެރިކާގެ އިސް މާހިރު ޑރ. އެންތޮނީ ފައުޗީ ވިދާޅުވި ގޮތުގައި ފައިޒަރ ވެކްސިނާއި މޮޑާނާ ވެކްސިނުން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ލިބޭ ރައްކާތެރިކަން ހުންނާނީ ގާތްގަނޑަކަށް އެއްވަރެއްގައިކަމަށް ބެލެވޭކަމަށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން ބުނާ ގޮތުގައި ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ވައްތަރުކަމަށްވާ ޑެލްޓާއާ ދެކޮޅަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ވެކްސިން ޖެހުމެވެ. ނަމަވެސް ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދެވިފައި ނުވުމުން އެ ޖަމުޢިއްޔާއިންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.