ޚަބަރު

ބަލިޖެހިފައިވާ 2،000 މީހުން ޔޫރޯގެ މެޗުތައް ބަލަން އިނގިރޭސިވިލާތަށް ދިޔަ


ސުކޮޓުލެންޑާއި އިނގިރޭސިވިލާތާ ދެމެދު ކުޅުނު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗު ބެލުމަށް ކޯވިޑް-19 ޖެހިފައިވާ ސުކޮޓުލެންޑުގެ 2،000އެއްހާ މީހުން ދިޔަކަމަށް އެ ޤައުމުގެ ޢާންމު ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

ފާއިތުވި ހަފުތާތަކުގައި ސުކޮޓުލެންޑުގައި ކޯވިޑް-19 ފެތުރޭ މިންވަރުވަނީ އިތުރުވެފައެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތް ފެށުމުގެ ކުރިން އެ ޤައުމުގައި ދުވާލަކު 800އެއްހާ މީހުންނަށް ކޯވިޑް-19 ޖެހެއެވެ. ނަމަވެސް ފުޓުބޯޅަ މުބާރާތް ފެށުނުފަހުން އެ ޢަދަދުވަނީ 2،800އަށް އިތުރުވެފައެވެ. ސުކޮޓުލެންޑުގައި ބަލިފެތުރުން އިތުރުވުމާއި ޔޫރޯ ފުޓުބޯޅަ މުބާރާތާ ގުޅުމެއްވާކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ.

ޖޫން މަހުގެ 18ވަނަ ދުވަހު އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު މެޗު ބެލުމަށް ސުކޮޓުލެންޑުން 20،000އަށްވުރެ ގިނަ މީހުންވަނީ ލަންޑަނަށް ގޮސްފައެވެ. އޭގެ ތެރެއިން 1،991 މީހުންނަކީ ކޯވިޑް-19 ޖެހިފައިވާ މީހުންކަމަށާއި ބަލިޖެހިފައިވާ 397 މީހުން ލަންޑަނުގައި ހުންނަ ވެންބުލީ ސްޓޭޑިއަމަށް ދިޔަކަމަށް ސުކޮޓުލެންޑުން ބުނެއެވެ. ލަންޑަނަށް ދަތުރުކުރި މީހުން ޔޫރޯގެ އެކި ޙަރަކާތްތަކުގައި ބައިވެރިވެފައިވާކަމަށާއި ޢާންމު ތަންތަނަށް އެ މީހުން ދިޔަކަމަށްވެސް އެ ޤައުމުން ބުނެއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ކުރޮއޭޝިޔާއާއި ޗެކު ރިޕަބުލިކަށްވެސް ދަތުރުކޮށްފައިވާކަމަށް ސުކޮޓުލެންޑުގެ ޢާންމު ޞިއްޙަތާބެހޭ ވުޒާރާއިންވަނީ ބުނެފައެވެ.