ޚަބަރު

ހަނގުރާމަވެރި ޢާއިލާތަކަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ ކުޑަކުދިން ތިބީ ސޫރިޔާގެ ޖަލުތަކުގައި


ސޫރިޔާގެ ޖަލުތަކުގައި ހަނގުރާމަވެރި ޢާއިލާތަކަށް ނިޞްބަތްވާ އެތައް ސަތޭކަ ކުޑަކުދިންނެއް ބަންދުކޮށްފައިވާކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑު ކުރޮސް، އައިސީއާރުސީން ބުނެފިއެވެ.

ފާއިތުވި އަހަރުގެ ތެރޭގައި އައިސީއާރުސީންވަނީ ސޫރިޔާގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ 36 ޖަލަކަށް ޒިޔާރަތްކޮށް އެ ތަންތަނުގައި ބަންދުކޮށްފައިވާ މީހުންގެ މަޢުލޫމާތު އޮޅުންފިލުވައިފައެވެ. ޖަލުތަކުގެ ޙާލަތާއި އެ މީހުންނާ ދޭތެރޭ ޢަމަލުކުރާ ގޮތް ސާފުކޮށް އެ ކަންކަން ކަމާބެހޭ ރަސްމީ އިދާރާތަކާ އައިސީއާރުސީންވަނީ ޙިއްޞާކޮށްފައެވެ.

އައިސީއާރުސީން ބުނީ ބޮޑެތި މީހުން ބަންދުކޮށްފައި ތިބޭ ޖަލުތަކުގައި ގިނަ ޢަދަދެއްގެ ކުޑަކުދިންވެސް ތިބިކަމަށެވެ. އެ ގޮތުން މީގެ ދެ އަހަރު ކުރިން އައިއެސް ޖަމާޢަތުގެ ބާރުގެ ދަށުން މިނިވަން ކުރި ސަރަޙައްދުތަކުން ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ޖަލުތަކަށް ބަދަލުކޮށްފައިވާކަމަށް އައިސީއާރުސީން ބުނެއެވެ. އޭގެ ތެރެއިން ގިނަ ކުދިންނަކީ އައިއެސްއާ ގުޅުންހުރި ކުދިންނެވެ. އޭގެ ތެރޭގައި ގިނައީ ފިރިހެން ކުދިންކަމަށާއި 12 އަހަރުގެ ކުދިންވެސް ބޮޑެތި މީހުންނާއެކު ޖަލުތަކުގައި ބަންދުކޮށްފައިވާކަން އައިސީއާރުސީން ފާހަގަކުރެއެވެ.

އައިސީއާރުސީން ބުނާ ގޮތުގައި 60 ޤައުމަކަށް ނިޞްބަތްވާ 60،000އަށްވުރެ ގިނަ މީހުން ސޫރިޔާގައި ބަންދުކޮށްފައި އެބަތިއްބެވެ. އައިސީއާރުސީންވަނީ ޤައުމުތަކުން އެ މީހުން އަނބުރާ ގެންދިޔުމަށް ގޮވައިލައިފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން އެ ކަންކުރުމަށްވެސް އައިސީއާރުސީންވަނީ އެދިފައެވެ. ނަމަވެސް ސޫރިޔާގައި ތިބި ބިދޭސީ ހަނގުރާމަވެރިންނާއި އެ މީހުންގެ ޢާއިލާތައް އަނބުރާ ގެނައުމަށް ގިނަ ޤައުމުތަކުން ބޭނުމެއް ނުވެއެވެ.