ޚަބަރު

ވިލާތުގެ ބައެއް ޤައުމުތަކުގެ ޙާލަތު އަނެއްކާވެސް ގޯސްވާން ފަށައިފި


ވިލާތުގެ ޤައުމުތަކުގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރު އަނެއްކާވެސް އިތުރުވާން ފަށައިފިއެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އިނގިރޭސިވިލާތުގައި ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ އޭގެ ކުރީ ހަފުތާއަށްވުރެ 70 އިންސައްތަ މައްޗަށް ގޮސްފައެވެ. އެގޮތުން ޖޫން މަހުގެ 30ވަނަ ދުވަހު އެ ޤައުމުގައި 26،068 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއީ މިދިޔަ ޖަނަވަރީ މަހުގެ 29ވަނަ ދުވަހުގެ ފަހުން އެ ޤައުމުގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ދުވަހެވެ. އެ ޤައުމުގައި ބަލިފެތުރޭ މިންވަރު އިތުރުވި ނަމަވެސް ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވެފައެއް ނުވެއެވެ. ބަލިމަޑުކަމުގައި މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ދުވާލަކު 1،000އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވެފައިވަނީ 14 މީހުންނެވެ. ޞިއްޙީ މާހިރުން ބުނީ މީހުން މަރުވާ ޢަދަދު ދަށަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ކާމިޔާބުކަމާއެކު ޢާންމުންނަށް ވެކްސިން ދިނުންކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޯޗުގަލުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގޮތުން ޖޫން މަހުގެ 30ވަނަ ދުވަހު 2،362 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އެ ޤައުމު ފުރަބަންދުކޮށްފައި އޮތް ދުވަސްވަރަށްފަހު އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ދުވަހެވެ. ޕޯޗުގަލުގައި ބަލިފެތުރޭ މިންވަރު އިތުރުވެފައިވަނީ އިންޑިޔާއިން ފެނުނު ވާރުތަވުމުގެ ބާރުގަދަ ޑެލްޓާ ވޭރިއަންޓުގެ ސަބަބުންކަމަށް ބެލެވެއެވެ. އެ ޤައުމުގައި ބަލިޖެހޭ މީހުންގެ 50 އިންސައްތައަށްވުރެ ގިނަ މީހުންނަށް ބަލިޖެހެނީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުންނެވެ. ޕޯޗުގަލުން މަސައްކަތްކުރަނީ ބައްޔަށް ވެކްސިން ދެމުންދާ މިންވަރު އިތުރުކުރުމަށެވެ. ބައެއް ސަރަޙައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސްވަނީ ވަރުގަދަކޮށްފައެވެ.

ފަރަންސޭސިވިލާތުންވަނީ އެ ޤައުމުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދިނުން ފަސްކޮށްފައެވެ. އެ ޤައުމުން އެ ގޮތަށް ޢަމަލުކުރުމަށް ނިންމީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކުރިޔަށް އޮތް ތިން ހަތަރު މަސް ދުވަހުގެ ތެރޭގައި ބަލިމަޑުކަމުގެ ހަތަރުވަނަ ރާޅެއް ފެތުރިދާނެކަމުގެ އިންޒާރު ޞިއްޙަތާބެހޭ މާހިރުން ދިނުމުންނެވެ. އެ ޤައުމުގައި އަނެއްކާވެސް ހަލުވިކަމާއެކު ބަލިފެތުރެން ބޭނުންނުވާކަމަށާއި އެފަދަ ޙާލަތެއް މެދުވެރިވިޔަ ނުދިނުމަށް ބައެއް ސަރަޙައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދޭނީ ޖުލައި މަހުގެ 6ވަނަ ދުވަހުގެ ފަހުންކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.

އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޕޯޗުގަލުގެ އިތުރުން ރަޝިޔާގެ ކޯވިޑް-19ގެ ޙާލަތުވެސްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.