ޚަބަރު

ޔޫއޭއީގައި އިސްރާއީލުގެ އެންބަސީއެއް ހުޅުވައިފި


އިސްރާއީލުގެ އެންބަސީއެއް ޔޫއޭއީގައި ހުޅުވައިފިއެވެ. ޔަހޫދީންގެ އެންބަސީއެއް ޔޫއޭއީގައި ހުޅުވައިދެއްވާފައިވަނީ އިސްރާއީލުގެ އައު ޚާރިޖީ ވަޒީރު ޔައިރު ލަޕީދު އެ ޤައުމަށް ކުރައްވަމުންދާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ.

ޔޫއޭއީއަށް ލަޕީދު ކުރައްވަވަމުންދާ ދަތުރުފުޅަކީ އިސްރާއީލާއި ޔޫއޭއީއާ ދެމެދު މިދިޔަ އަހަރުގެ ތެރޭގައި ގުޅުންބަދަހިކުރިފަހުން އިސްރާއީލުގެ ވަޒީރަކު އެ ޤައުމަށް ކުރައްވައި ފުރަތަމަ ދަތުރުފުޅެވެ. ލަފީދުގެ ދަތުރުފުޅަކީ ޚާރިޖީ ގުޅުންތައް ވަރުގަދަކުރުމަށް އިސްރާއީލުގެ އައު ސަރުކާރަށް ލިބޭ ފުރުޞަތެކެވެ.

ޔަހޫދީންގެ އެންބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލަޕީދު ވިދާޅުވީ އަވައްޓެރި ޤައުމުތަކާއެކު ޞުލްޙަވެރި ގުޅުމެއް ބާއްވަން އިސްރާއީލުން ބޭނުންވާކަމަށެވެ. އަދި މެދުއިރުމައްޗަކީ އިސްރާއީލުވެސް ހިމެނޭ ސަރަޙައްދުކަމަށާއި ހުރިހާ ޤައުމަކުން އެކަން ބަލައިގަނެ އެ ޤައުމާއެކު މަޝްވަރާތައް ކުރުމަށް ހުށަހަޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުގެ އެހީތެރިކަމާއެކު ޢަރަބި ގިނަ ޤައުމުތަކަކުންވަނީ ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރުކޮށްފައިވާ އިސްރާއީލާއެކު ގުޅުންބަދަހިކޮށްފައެވެ. އަބްރަހަމު އެކޯޑުގެ ދަށުން އިސްރާއީލާއެކު ގުޅުން ބަދަހިކުރި ޢަރަބި ޤައުމުތަކުގެ ތެރޭގައި ޔޫއޭއީއާއި މިޞްރާއި ބަޙްރައިނާއި މަޣްރިބާއި އުރުދުންނާއި ސޫދާން ހިމެނެއެވެ. އިސްރާއީލާއެކު ޚާރިޖީ ގުޅުން ބަދަހިކުރުމުގެ އިތުރުން ސަލާމަތީ ދާއިރާއިންނާއި ޖާސޫސީ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް އެ ޤައުމުތަކުން އެއްބަސްވިއެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާއާ ޙަވާލުވެވަޑައިގަތުމަށްފަހު ލަފީދު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚު އަބްދުﷲ ބިން ޒައިދު އަލްނަހްޔާނާ ބައްދަލުކުރައްވައި އަބްރަހަމު އެކޯޑުގެ މައްޗަށް ބިނާކޮށް ޞުލްޙަ ޤާއިމުކޮށް ސަރަޙައްދީ ހަމަޖެހުމާއި ސަލާމަތް އިތުރުކުރުމަށް މަޝްވަރާކުރައްވައިފައިވެއެވެ. އޭގެ އިތުރުން އިޤްތިޞާދީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ދެ ޤައުމުންވަނީ ސޮއިކޮށްފައެވެ. އެއީ ދެ ޤައުމުން ގުޅުންބަދަހިކުރިފަހުން ސޮއިކުރި އެފަދަ 12ވަނަ އެއްބަސްވުމެވެ.

ޔޫއޭއީގައި ޔަހޫދީންގެ އެންބަސީއެއް ހުޅުވައިފަނީ އަބޫ ޟާބީގައެވެ. އަދި ދުބާއީގައި ޔަހޫދީންވަނީ ކޮންސޫލޭޓެއް ހުޅުވައިފައެވެ. ޔޫއޭއީއިންވެސްވަނީ އިސްރާއީލުގައި އެންބަސީއެއް ރަސްމީކޮށް ހުޅުވައިފައެވެ.