ޚަބަރު

މެލޭޝިޔާގެ ބޮޑުވަޒީރު ހަސްފަތާލުގައި އެނދުމަތިކޮށްފި


މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ހަސްފަތާލުގައި އެނދުމަތިކޮށްފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަސްފަތާލުގައި މުޙްޔިއްދީން ޔާސީން އެނދުމަތިކޮށްފައިވަނީ ބޭރަށް ހިންގާތީކަމަށެވެ. އަދި ވެރިރަށް ކުއަލަ ލަންޕޫރުގައި ހުންނަ ހަސްފަތާލުން އޭނާގެ ޙާލަތު ބަލަމުންދާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ މުޙްޔިއްދީން ޔާސީން ބޭރަށް ހިންގަން ފެށީ ޖޫން މަހުގެ 29ވަނަ ދުވަހުގެ ރޭކަމަށާއި ފަރުވާ ދިނުމަށް އެނދުމަތިކުރީ ޖޫން މަހުގެ 30ވަނަ ދުވަހުގެ ހެނދުނުގެ ވަޤުތެއްގައިކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްޞީލެއް އެ އިދާރާއިން ދީފައެއް ނުވެއެވެ.

ޢުމުރުފުޅުން 74 އަހަރުގެ މުޙްޔިއްދީން ޔާސީނަށްވަނީ 2018ވަނަ އަހަރުގެ ތެރޭގައި ޗިސްމޭގެ ކެންސަރު ޖެހިވަޑައިގެންފައެވެ. އެ ބަލިން އޭނާ ފަސޭހަވެވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މެލޭޝީޔާގެ ބޮޑުވަޒީރުގެ މަޤާމާ މުޙްޔިއްދީން ޙަވާލުވެވަޑައިގެންފައިވަނީ އޭގެ ތިން މަސް ދުވަސް ކުރިން އެ އަހަރުގެ މާރިޗު މަހުގެ 1ވަނަ ދުވަހުއެވެ.