ޚަބަރު

ވެކްސިން ޖަހާނެ މީހުން ނެތުމުން އެތައް ހާސް ޑޯޒެއް ރޫމޭނިޔާއިން ވިއްކާލަނީ


ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހުމަށް ޢާންމުންގެ ފަރާތުން އެދެވޭ ތަރުޙީބެއް ނުލިބުމުން ބާކީވެފައިވާ 1.17 މިލިޔަން ޑޯޒު ޑެންމާކަށް ވިއްކާލުމަށް ނިންމައިފިއެވެ. ރޫމޭނިޔާއިން ވެކްސިންގެ ޑޯޒުތައް ވިއްކާލުމަށް ނިންމާފައިވަނީ ވެކްސިންގެ މުއްދަތު ފާއިތުވުމުގެ ކުރިން ބޭނުން ނުކުރެވޭނެކަމަށް ބެލުމަށްފަހުއެވެ.

ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގެ ތެރެއިން ރޫމޭނިޔާއަކީ އެންމެ ފަޤީރު އެއް ޤައުމެވެ. ނަމަވެސް ރޫމޭނިޔާގެ ރައްޔިތުންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމުގެ މަސައްކަތް އެ ސަރަޙައްދުގެ އެހެން ގިނަ ޤައުމުތަކަށްވުރެ ކުރިންވަނީ ފަށައިފައެވެ. އެ ޤައުމުގައި ވެކްސިން ދޭން ފެށިތާ ފުރަތަމަ ތިން މަހުގެ ތެރޭގައި ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގެ ތެރެއިން އާބާދީގެ އެންމެ ބޮޑު ނިޞަބަތަކަށް ވެކްސިން ދީފައިވާ ތިން ޤައުމުގެ ތެރޭގައި އެ ޤައުމު ހިމެނުނެވެ. ނަމަވެސް ފަހުން ވެކްސިން ޖަހާ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މެއި މަހުގެ ނިޔަލަށް 5 މިލިޔަން މީހުންނަށް ވެކްސިން ދިނުމަށް ރޫމޭނިޔާއިން މަސައްކަތްކުރި ނަމަވެސް އެ މުއްދަތުގެ ކުރިން އެ ޤައުމުގައި ވެކްސިން ދެވުނީ 4.47 މިލިޔަން މީހުންނަށެވެ. އެއީ އެ ޤައުމުގެ އާބާދީގެ ފަސްބައިކުޅަ އެއްބައެވެ. އެ ޤައުމުގައި ވެކްސިން ޖަހާ މީހުންގެ ޢަދަދު މަދުވެފައިވަނީ ޢާންމުންގެ މެދުގައި ވެކްސިނާމެދު ޝައްކު އުފެއްދުމަށް ބަޔަކު މަސައްކަތްކުރުމުން ޢާންމުންގެ މެދުގައި ވެކްސިނާމެދު އޮންނަ އިތުބާރުކުޑަވުމުންނެވެ. ވެކްސިނާމެދު ހޭލުންތެރިކަން އިތުރުކުރުމަށް އެދެވޭ މަސައްކަތްތަކެއްވެސް އެ ޤައުމުން ކޮށްފައެއް ނުވެއެވެ.