ޚަބަރު

ބޮމުގެ ހަމަލާގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ 4 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮޮށްފިއެވެ.

މިދިޔަމަހުގެ 6 ވަނަ ދުވަހު ސައިކަލެއްގައި އައިޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.

ފުލުހުން ބުނީ އަދުހަމާއި، މުޖާޒް އަދި ތަހްމީންގެ ބަންދަށް މިމަހުގެ 22 ވަނަ ދުވަހު 30 ދުވަސް އިތުރުކޮށްފައިވާކަމަށާއި ފާތިހުގެ ބަންދަށް މިމަހުގެ 20 ވަނަ ދުވަހު 15 ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.