އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުގެ މަސައްކަތްތައް ދެމެހެއްޓުމަށް 6 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ނިންމައިފިއެވެ.
ޞުލްޙަ ބެލެހެއްޓުމަށް އެކުލަވާލާފައިވާ 12 ފައުޖަށް އަންނަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހާ ހަމައަށް 6 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް 193 މެންބަރުންގެ މައްޗަށް ހިމެނޭ އދގެ ޢާންމު މަޖިލީހުންވަނީ ނިންމައިފައެވެ. އެ ނިންމުން ޖޫން މަހުގެ 30ވަނަ ދުވަހު އދގެ ޢާންމު މަޖިލީހުން ރަސްމީކޮށް ފާސްކުރާނެއެވެ.
ޞުލްޙަ ބަލަހައްޓާ ފައުޖުތަކަށް ބަޖެޓު ކަނޑައެޅުމުގެ މަޝްވަރާތައް ލަސްވެފައިވަނީ އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުންނެވެ. އަދި ޗައިނާއާއި ހުޅަނގުގެ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަސްކަމުގެ ސަބަބުންވެސް ބަޖެޓު ކަނޑައެޅުމުގައި އުނދަގޫތަކެއް ކުރިމަތިވިއެވެ.
ޖޫން މަހުގެ 30ވަނަ ދުވަހުގެ ކުރިން ޞުލްޙަ ބަލަހައްޓާ ފައުޖުތަކަށް ޚަރަދުކުރާނެ ބަޖެޓު ފާސް ނުކުރެވުނުނަމަ އެ ޙާލަތުގައި އދގެ ސެކެޓުރީ ޖެނެރަލަށް ޚަރަދުކުރެވޭނީ ހަމައެކަނި އދގެ ހަރުމުދަލާއި މުވައްޒަފުންނާއި ސިފައިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަންޏެވެ. ޞުލްޙަ ބަލަހައްޓާ ފައުޖުތަކަށް ޚަރަދުކުރުމަށް ކަނޑައެޅި ބަޖެޓުގެ 28 އިންސައްތައަކީ އެމެރިކާއިން ދޭން ނިންމާފައިވާ ފައިސާއެވެ. އަދި ޗައިނާއިން 15.2 އިންސައްތައާއި ޖަޕާނުން 8.5 އިންސައްތަ ދިނުމަށްވަނީ ނިންމައިފައެވެ.