އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވުމަށް، ގ. އައިފަ، ހުސައިން ނިޔާޒީގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވުމަށް ނިޔާޒީގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ، އޮޑިޓަރ ޖެނެރަލްގެ މަޤާމު މިދިޔަ މޭމަހު ހުސްވެފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އޮޑިޓާ ޖެނަރަލްގެ މަގާމަށް ނިޔާޒީ އައްޔަންކުރަން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ފޮނުއްވި ސިޓީފުޅު އިއްވާފައެވެ. އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި މިހާރު ހުންނެވި ނިޔާޒީގެ ނަން މަޖިލީހަށް ހުށަހެޅުމުން، އެ ނަން ދިރާސާކުރެއްވުމަށް ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.
ރާއްޖޭގެ އެންމެ ސީނިއަރ އެއް ޗާޓާޑް އެކައުންޓެންޓްކަމަށްވާ ނިޔާޒީއަކީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ.
އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތުގެ މޭމަހުގެ 12 ވަނަ ދުވަހު އިސްތިއުފާދެއްވުމާއި ގުޅިގެނެވެ.