ސިޔާސީ

މުޒާހަރާ ކުރިއަށް ގެންދެވޭނީ ރޭގަނޑު ބާރަ ޖެހުމާ ހަމައަށް


އެމް.ޑީ.ޕީން އިސްނަގައިގެން މާދަމާ ބާއްވާ މުޒާހަރާ
ކުރިއަށްގެންދެވޭނީ ހެދިގޮނޑުދޮށް ސަރަޙައްދުގައި، މާދަމާރޭ 12 ޖަހަންދެންކަމަށް
ފުލުހުން ވިދާޅުވެއްޖެއެވެ.



 މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ
ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ އިންޓާރނަލް ސެކިއުރިޓީ
ކޮމާންޑްގެ ހެޑް، ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ
މުޒާހަރާގެ ކުރިން އެމް.ޑީ.ޕީގެ އިސްވެރިންނާ ބައްދަލުކޮށް
އެއްބަސްވެވިފައިވާގޮތަށް މުޒާހަރާ ކުރިއަށްގެންދިއުމަށް އިލްތިމާސްކުރައްވާ
ކަމަށެވެ.



 އެގޮތުން މުޒާހަރާ ކުރިއަށްގެންދަންޖެހޭނީ
ހަމައެކަނި ހެދިގޮނޑުދޮށް ސަރަހައްދުގައި ކަމަށާއި، އެސަރަހައްދުން ބޭރުގައި
މުޒާހަރާ ކުރިއަށް ނުގެންދެވޭނެކަން އެޕާޓީއަށް އަންގަވާފައިވާކަމަށް ހަމްދޫން
ވިދާޅުވިއެވެ.



 ފުލުހުން އެގޮތަށް ނިންމާފައިވަނީ މުޒާހަރާގެ ތެރޭގައި
ހިނގާފާނެ ހަމަނުޖެހުމަކާ ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތަށް
ރިޢާޔަތްކުރައްވާފައިކަމަށް ހަމްދޫން ވިދާޅުވިއެވެ. އަދި މުޒާހަރާއާ ގުޅިގެން
މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ރިޢާޔަތް ކޮށް ފުލުހުން ޢަމަލްކުރައްވާނެ
ގޮތުގެ ޕްލޭން ރާއްވަވާފައިވާކަމަށްވެސް ޙަމްދޫން ވިދާޅުވިއެވެ.



 ޙަމްދޫން ވަނީ ޢާންމުންނާއި މީޑިއާއިންވެސް
ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅޭނެގޮތަށް ޢަމަލްކުރެއްވުމަށް
އިލްތިމާސްކުރައްވާފައެވެ. އެގޮތުން ތެދު މަޢުލޫމާތު ރައްޔިތުންނަށް
މީޑިއާއިންވެސް ފޯރުކޮށްދޭތޯ ގުޅުން ހުރި މުއައްސަސާތަކުން މޮނީޓަރ
ކުރައްވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ޙަމްދޫން ވިދާޅުވިއެވެ.