ޚަބަރު

2 އަހަރުފަހުން ޖީ20ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އެއް މޭޒަކަށް


ދެ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޖީ20ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އެއް މޭޒަކުން ބައްދަލުކުރައްވައިފިއެވެ.

ދުނިޔޭގައި އެންމެ ކުރިއަރާފައިވާ 20 ޤައުމުގެ ޚާރިޒީ ވަޒީރުން އެއް މޭޒެއްގައި ބައްދަލުނުކުރެވި ދިގުލައިގެން ގޮސްފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުތަކުގެ ޙާލަތު ގޯސްވުމުންނެވެ. މީގެ ކުރިން ގީ7ގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމެއްގައި މިދިޔަ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ބާއްވާފައިވެއެވެ.

އިޓަލީވިލާތުގައި ބޭއްވި ޖީ20ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އެންމެ ބޮޑު މުހިންމު ކަމެއް ދީފައިވަނީ ދުނިޔެއަށް ދިމާވެފައިވާ ޞިއްޙީ ކާރިޘާއާއި ބައިނަލްއަޤްވާމީ ވިޔަފާރިއާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު މަޝްވަރާކުރެއްވުމަށެވެ. ޖީ20ގެ ރިޔާސަތު ބަލަހައްޓަމުންދާ އިޓަލީވިލާތުން ބުނެފައިވަނީ އެފްރިކާގެ ޤައުމުތަކުގެ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައްޗަށް އަލިއަޅުވާލާފައިވާކަމަށެވެ. ބައްދަލުވުމުގައި އެމެރިކާއިންވަނީ ފަޤީރު ޤައުމުތަކަށް ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. އެ ގޮތުން ބަލިމަޑުކަން ނިމުމުކަށް ގެނައުމަށް ވެކްސިން މުހިންމު ދަޢުރެއް އަދާކުރާނެކަމަށް އެ ޤައުމުން ފާހަގަކޮށްފައިވެއެވެ.

މުހިންމު ގިނަ މަޢުޟޫތަކަކަށް ޖީ20ގެ ޤައުމުތަކުން މަޝްވަރާކުރި ނަމަވެސް އެ ޤައުމުތަކުގެ ވިސްނުމާއި ސިޔާސަތުތައް ތަފާތުވުމުގެ ސަބަބުން ބޮޑު ނިންމުމެއް އެ ބައްދަލުވުމުގައި ނިންމާފައެއް ނުވެއެވެ. ދުނިޔޭގެ އުފެއްދުންތެރިކަމުގެ 80 އިންސައްތައާއި ދުނިޔޭގެ ވިޔަފާރީގެ 70 އިންސައްތައާއި ދުނިޔޭގެ އާބާދީގެ 60 އިންސައްތަ ޙިއްޞާކުރަނީ ޖީ20ގެ ޤައުމުތަކުންނެވެ.

އެއް ދުވަހުގެ ބައްދަލުވުމުގައި ގިނަ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވަޑައިގެންނެވި ނަމަވެސް ރަޝިޔާއާއި ދެކުނު ކޮރެޔާގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ޚާރިޖީ ވަޒީރުގެ ނައިބުންނެވެ. އަދި ޗައިނާއާއި އޮސްޓުރޭލިޔާއާއި ބުރެޒިލުގެ ޚާރިޖީ ވަޒީރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ވީޑިޔޯ މެދުވެރިކޮށެވެ.