ޚަބަރު

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޒޫމާ ޖަލަށްލުމަށް ޙުކުމުކޮށްފި


ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ 15 މަސް ދުވަހަށް ޖަލުގައި ބަންދުކުރުމަށް އެ ޤައުމުގެ އެންމެ މަތީ ކޯޓުން ޙުކުމުކޮށްފިއެވެ.

2009ވަނަ އަހަރުން 2018ވަނަ އަހަރަށް ދެކުނު އެފްރިކާގެ ވެރިކަންކުރެއްވި ޒޫމާ ޖަލުގައި ބަންދުކުރުމަށް ޙުކުމުކޮށްފައިވަނީ ޚީޔާނާތުގެ ތަޙްޤީޤަށް އޭނާ އެއްބާރުލުން ނުދެއްވުމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކުރި ތަޙްޤީޤަށް މަޢުލޫމާތު ދެއްވުމަށް ވަޑައިގެންނެވުމަށް ޒޫމާވަނީ އިންކާރުކުރައްވައިފައެވެ. އެއާއެކު އޭނާ ޖަލުގައި ބަންދުކުރުމަށް ދެކުނު އެފްރިކާގެ އުއްތަމަ ފަނޑިޔާރުގެ ނައިބު ރޭމަންޑު ޒޮންޑޯވަނީ އެދިވަޑައިގެންފައެވެ. އެއާއެކު ދެކުނު އެފްރިކާގެ ކޯޓުންވަނީ ކުރިޔަށް އޮތް ފަސް ދުވަހުގެ ތެރޭގައި ފުލުހުންނާ އަމިއްލަފުޅަށް ޙަވާލުވުމަށް ޒޫމާއަށް ޢަމުރުކޮށްފައެވެ.

ޢުމުރުފުޅުން 79 އަހަރުގެ ޒޫމާގެ މައްޗަށް ކުރެވެނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ވެރިކަމުގައި ހުންނެވި ދުވަސްވަރުގައި ޚިޔާނާތުގެ ޢަމަލުތައް ހިންގެވުމުގެ ތުޙްމަތުތަކެކެވެ. އޭގެ ތެރޭގައި 1999ވަނަ އަހަރުގެ ތެރޭގައި ދެކުނު އެފްރިކާގެ ނައިބު ރައީސްކަން ޒޫމާ ކުރެއްވި ދުވަސްވަރުގެ ތެރޭގައި އެ ޤައުމުން ކޮށްފައިވާ ދެ ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ގަތުމުގެ މުޢާމާލަތެއްގެ ތަޙްޤީޤުވެސް ހިމެނެއެވެ. އޭގެ އިތުރުން އިންޑިޔާގެ ގުޕުތާ ޢާއިލާއެކު ހިންގެވި ޚިޔާނާތުގެ ޢަމަލުތަކެއްގެ ތަޙްޤީޤު ދަނީ ކުރިޔަށެވެ. އެ ހުރިހާ ތުޙްމަތުތަކަކަށް އިންކާރުކުރައްވައި ތަޙްޤީޤަށް އެއްބާރުލުން ދެއްވަން އިންކާރުކުރައްވާކަމަށް ޒޫމާވަނީ ވިދާޅުވެފައެވެ.