ޚަބަރު

ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކާ ދެކޮޅަށް ރޮކެޓު ޙަމަލާތަކެއް ދީފި


ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތަކާ ދެކޮޅަށް ރޮކެޓު ޙަމަލާތަކެއް ދީފިއެވެ. އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އެ ޙަމަލާތައް ދީފައިވަނީ ޖޫން މަހުގެ 27ވަނަ ދުވަހު ސޫރިޔާއާއި ޢިރާޤުގެ ބައެއް ސަރަޙައްދުތަކަށް އެމެރިކާއިން ވައިގެ ޙަމަލާތަކެއް ދީފައިވަނިކޮށެވެ. އެއީ މީގެ ފަސް މަސްދުވަސް ކުރިން އެމެރިކާގެ ވެރިކަމަށް ޖޯ ބައިޑަން ވަޑައިގެންނެވިފަހުން އެ ސަރަޙައްދުތަކަށް އެމެރިކާގެ ފައުޖުތަކުން ދިން ދެވަނަ ޙަމަލާއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އެ ޙަމަލާތަކުގައި އެމެރިކާގެ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ. ނަމަވެސް ޙަމަލާތަކުގެ ސަބަބުން ލިބުނު އެހެނިހެން ގެއްލުންތައް ބަލަމުންދާކަމަށެވެ. އެ ޙަމަލާތައް ދިނީ ކޮން ބައެއްކަމެއް އެ ޤައުމުން ބުނެފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި އެމެރިކާގެ ފައުޖުތަކާ ދެކޮޅަށް ޙަމަލާ ދީފައިވަނީ ޕީއެމުއެފުގެ ހަނގުރާމަވެރިންނެވެ. ޢިރާޤަށް ނިޞްބަތްވާ އެ ޖަމާޢަތަކީ ޢިރާޤާއި އީރާނުގެ ސަރުކާރުން ބަލައިގެންފައިވާ ޖަމާޢަތެކެވެ. ގިނަ ޢަދަދެއްގެ ޝިއީ ހަނގުރާމަވެރިން ހިމެނޭ އެ ޖަމާޢަތާއި ޙިޒްބުﷲފަދަ ޖަމާޢަތްތަކާވެސް ގުޅުން އޮވެއެވެ.

ޢިރާޤުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަޤާމުތަކަށް ޙަމަލާތައް ދެމުންދަނީ ޕީއެމުއެފުގެ ހަނގުރާމަވެރިންކަމަށް އެމެރިކާއިން ތުޙްމަތުކުރެއެވެ. އެ ޙަމަލާތަކުގެ ރައްދުގައި އެމެރިކާގެ ސިފައިންވަނީ ޖޫން މަހުގެ 27ވަނަ ދުވަހު ޢިރާޤާއި ސޫރިޔާގެ ސަރަޙައްދުތަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. ޕީއެމުއެފުގެ ހަނގުރާމަވެރިން ބުނެފައިވަނީ އެމެރިކާއިން ޚިޔާރުކޮށްފައިވަނީ ނުބައި މަގެއްކަމަށާއި އެ ޖަމާޢަތުން އެ ޙަމަލާތަކުގެ ބަދަލުހިފާނެކަމަށެވެ.