ޚަބަރު

އައިއެސްގެ ހަނގުރާމަވެރިން ނިޞްބަތްވާ ޤައުމުތަކުން އެ މީހުން އަނބުރާ ގެންދިޔުމަށް ގޮވާލައިފި


ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތަށް ނިޞްބަތްވާ 10،000 ހަނގުރާމަވެރިން އަދިވެސް ސޫރިޔާގައި ހައްޔަރުކޮށްގެން ބަލަހައްޓަމުންދާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވެއްޖެއެވެ.

ޙައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އިޓަލީވިލާތުގެ ވެރިރަށް ރޯމުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބުލިންކެންވަނީ އައިއެސްއާ ގުޅުނު މީހުން ނިޞްބަތްވާ ޤައުމުތަކުން އެ މީހުން އަނބުރާ ގެންދިޔުމަށް ގޮވާލައްވައިފައެވެ. އެ ގޮތުން އައިއެސްއާ ދެކޮޅަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އިއްތިޙާދުގައި ހިމެނޭ 78 ޤައުމުން އެ ގޮތަށް ޢަމަލުކުރުމަށް އޭނާ ގޮވާލެއްވިއެވެ. އެފަދަ މީހުން އަނބުރާ ޤައުމަށް ގެންގޮސްގެން އިޞްލާޙްކުރުމުގެ މަސައްކަތްތައް ކުރުމަށާއި ޙާލަތަށް ބެލުމަށްފަހު އެ މީހުންނާ ދެކޮޅަށް ދައުވާ އުފުލުމަށްވެސް އެމެރިކާއިން ބާރުއަޅާކަމަށް އޭނާ ވިދާޅުވިއެވެ.

އައިއެސްއާ ގުޅުނު ކަޒަކިސްތާނާއި އުޒުބަކިސްތާނާއި ބަލްކަން ސަރަހައްދުގެ ޤައުމުތަކަށް ނިޞްބަތްވާ ބައެއް މީހުން އެ ޤައުމުތަކަށް އަނބުރާ ގެންދިޔުމުން ބުލިންކެންވަނީ އެ ޤައުމުތަކަށް ތަޢުރީފުކުރައްވައިފައެވެ. ނަމަވެސް އެހެން އެއްވެސް ޤައުމަކުން އެހެން ޢަމަލުކޮށްފައިނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

2014ވަނަ އަހަރުގެ ތެރޭގައި އައިއެސުންވަނީ ސޫރީޔާއާއި ޢިރާޤުގެ ގިނަ ސަރަޙައްދުތަކެއް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސް ޢާންމުންނާ ދެކޮޅަށް ބިރުވެރި އަދި އަނިޔާވެރިކަމާއެކު ޢަމަލުކޮށްފައެވެ. އެއާއެކު އެމެރިކާ އިސްވެ އުފެއްދި އަސްކަރީ އިއްތިޙާދުންވަނީ 2017ވަނަ އަހަރުގެ ތެރޭގައި އައިއެސް ޖަމާޢަތުގެ ބާރުގެ ދަށުން އެ ސަރަޙައްދުތައް މިނިވަންކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުތަކުގައި އަދިވެސް ވަކިވަކި ހަނގުރާމަވެރިން ބައެއް ޙަމަލާތައް ދެމުންދެއެވެ. އައިއެސް ޖަމާޢަތުގެ ގިނަ ޙަމަލާތައް މިހާރު ޢަމާޒުކުރަނީ ހުޅަނގު އެފްރިކާގެ ސަރަޙައްދުތަކަށެވެ.