ޚަބަރު

ކުރިއަށް އޮތް ދެތިން ދުވަހު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ - މެޓު


ކުރިއަށް އޮތް ދެތިން ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މުޅި ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. އަދި ކުރިއަށްއޮތް ދެތިން ދުވަހު މޫސުން ގޯސްވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ. މެޓު އޮފީހުން ވިދާޅުވީ މިރޭ ފަތިހުން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންނަމަވެސް ވައި ޖެހޭނީ އެވްރެޖްވަރެއްގައި ކަމަށްވެސް އެއިދާރާއިން ލަފާކުރައްވައެވެ.

މެޓު އޮފީހުން ވިދަޅުވީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާ، އެހެން ސަރަޙައްދުތަކަށް ވައިޖެހޭނީ 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށާ، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ރާޅުތަކުގެ އުސްމިން ހުންނާނީ 2 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނެއްގައިކަމަށްވެސް މެޓު އޮފީހުން ލަފާކުރައްވައެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މޫސުން ގޯސްވެ ބޯކޮށްވާރެ ވެހި ފެންބޮޑުވުމުގެ ފުރުސަތު އޮތުމާއެކު އެކަމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ.