ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން ބަންގުލަދޭޝާއި މެލޭޝިޔާއާއި ތައިލޭންޑާއި އޮސްޓުރޭލިޔާގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް ނިންމައިފިއެވެ. އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ކޯވިޑް-19ގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ދެކުނު އޭޝިޔާއާއި ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގައި ކޯވިޑް-19 ޙާލަތުވަނީ ގޯސްވެފައެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ވަރަށް ކާމިޔާބު ޤައުމެއްގެ ގޮތުގައި ފާހަގަވެފައިވާ އޮސްޓުރޭލިޔާގެ އެންމެ ބޮޑު ސިޓީކަމަށްވާ ސިޑުނީގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވަނީ ބައިނަލްއަޤްވާމީ ފުލައިޓެއްގެ ފަޅުވެރިންތަކެއް ގޮވައިގެން ދަތުރުކުރާ އުޅަނދެއްގެ ޑުރައިވަރަކަށް މި މަހުގެ މެދުތެރޭގައި ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހުމުންނެވެ. އޭގެ ފަހުން ސިޑުނީގައި 110 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއާއެކު އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ޖޫން މަހުގެ 27ވަނަ ދުވަހު ސިޑުނީވަނީ ދެ ހަތުފާގެ މުއްދަތަށް ފުރަބަންދުކޮށްފައެވެ. ރެސްޓޯރަންޓުތަކާއި ކެފޭތައް ބަންދުކޮށް ޢާންމުން ގޭގައި މަޑުކުރުމަށްވަނީ އަންގައިފައެވެ. ޑެލްޓާ ވޭރިއަންޓުގެ ވާރުތަވުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރިޔަށް އޮތް ދުވަސްތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު މިހާރަށްވުރެ އިތުރުވާނެކަމުގެ އިންޒާރުވަނީ ދީފައެވެ.
ތައިލޭންޑުގެ ޙާލަތުވެސް މިދިޔަ އޭޕްރިލް މަހުން ފެށިގެން ދަނީ ގޯސްވަމުންނެވެ. އެއާއެކު އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައްވެސް ވަރުގަދަކުރުމަށްވަނީ ނިންމައިފައެވެ. ޖޫން މަހުގެ 28ވަނަ ދުވަހުން ފެށިގެން ރެސްޓޯރަންޓުތަކާއި ކެފޭތަކާއި އިމާރާތްކުރާ ސައިޓުތައްފަދަ ތަންތަނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަލުން އިޔާދަކުރުމަށްވަނީ ހަމަޖެހިފައެވެ. އެ ޤައުމުގެ ވެރިކަންކުރާ ބެންކޮކުގައި އެއްވެ އުޅުން މަނާކުރުމަށްވެސްވަނީ ނިންމައިފައެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ޕުރަޔުތު ޗަންއޮޗާވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައް ހުޅުވައިލުމަށް ރާވާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަން ހާޞިލުކުރެވޭނީ ކުރިޔަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ޤައުމުގެ 50 މިލިޔަން ރައްޔިތުންނަށް ކޯވިޑް-19ގެ ވެކްސިން ދީގެންނެވެ. އެ ޤައުމުގައި ޢާންމުންނަށް ވެކްސިން ދިނުމުގެ މަޝްރޫޢުގެ ދުވެލި ވަރަށް މަޑެވެ. މިހާތަނަށް އެ ޤައުމުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވަނީ 10 އިންސައްތަ މީހުންނަށެވެ. ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ އާބާދީގެ ގާތްގަނޑަކަށް 4 އިންސައްތަ މީހުންނެވެ.
މެލޭޝިޔާގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައްވެސް އިތުރަށް ދެމެހެއްޓުމަށް އެ ޤައުމުގެ ބޮޑިވަޒީރު މުޙްޔިއްދީން ޔާސީންވަނީ ނިންމަވައިފައެވެ. ފުރަބަންދު އުވާލާނެ ތާރީޚެއް މެލޭޝިޔާގެ ސަރުކާރުން މިހާތަނަށް އިޢުލާނުކޮށްފައެއް ނުވެއެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ބަލިޖެހޭ މީހުންނާއި ޙާލު ދެރަވާ މީހުންގެ ޢަދަދު ދަށަށްގޮސް ވެކްސިން ދެމުންދާ މިންވަރު އިތުރުކުރެވޭނަމަ މަރުޙަލާތަކަކަށް ބަހާލައިގެން ފިޔަވަޅުތަކަށް ލުއިތަކެއް ދޭނެކަމަށެވެ.
އިންޑިނޭޝިޔާގައިވެސް ރެކޯޑު ޢަދަދެއްގެ މީހުންނަށް ދަނީ ބަލިޖެހެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 21،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އިންޑޮނޭޝިޔާގެ ވެރިކަންކުރާ ޖަކާޓާއާއި ހަލުވިކަމާއެކު ބަލިފެތުރެމުންދާ އެހެން ސަރަޙައްދުތަކުގެ ހަސްފަތާލުތައްވަނީ ފުރިފައެވެ.
މިހާތަނަށް 888،406 މީހުންނަށް ބަލިޖެހި 14،172 މީހުން މަރުވެފައިވާ ބަންގުލަދޭޝުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ދަށަށް ދާން ފަށައިފައެވެ. ނަމަވެސް މި މަހުގެ ތެރޭގައި އެ ޢަދަދުތައް އަނެއްކާވެސްވަނީ އިތުރުވެފައެވެ. ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ބަންގުލަދޭޝް ފުރަބަންދުކުރުމަށްވަނީ ނިންމައިފައެވެ. ފުރަބަންދުގެ މުއްދަތުގައި އިދާރާތައް ބަންދުކޮށް ޞިއްޙީ ޚިދުމަތްތަކާ ގުޅުންހުރި އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ބޭނުންކުރުން މަނާވާނެއެވެ. ބަންގުލަދޭޝް ފުރަބަންދުކުރުމަށް ނިންމާފައިވާކަމަށް އިޢުލާނުކުރުމުން ވެރިރަށް ޑާކާގައި މަސައްކަތްކުރާ އެތައް ހާސް ހިޖުރަވެރިންނެއްވަނީ ފުރަބަންދުކުރުމުން އެ މީހުންނަށް އާމުދަނީ ލިބޭނެ މަގުތައް ގެއްލޭނެތީ އެ ސަރަޙައްދުތައް ދޫކޮށް ދާން ފަށައިފައެވެ.
ކޯވިޑް-19ގެ ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އޮތް އެއް ޤައުމުކަމަށްވާ ރަޝިޔާއިން ދަނީ ބަލިމަޑުކަމުގެ ތިންވަނަ ރާޅަކާ ކުރިމަތިލަމުންނެވެ. ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ރަޝިޔާގެ ޙާލަތު ގޯސްވާން ފަށާފައިވަނީ ޖޫން މަހުގެ މެދުތެރޭގައެވެ. އެ ޤައުމުގެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިދިޔަ އަހަރުގެ ފަހުކޮޅު ގިނަ ލުއިތަކެއް ދީފައިވަނިކޮށެވެ. އަދި ޢާންމުންގެ ތެރެއިން ވެކްސިން ޖެހުމަށް ޖެހިލުންވާ މީހުން އަވަހަށް ވެކްސިން ޖެހުމަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ ވެރިކަންކުރާ މޮސްކޯގައި ކޯވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރެކޯޑު ޢަދަދަކަށް މީހުންވަނީ މަރުވެފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މޮސްކޯގައި 144 މީހުން މަރުވެފައިވެއެވެ. އަދި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ކުޅެމުންދާ އެ ޤައުމުގެ ސެއިންޓު ޕީޓާސްބާގުގައިވެސް ރެކޯޑު ޢަދަދަކަށް މީހުން މަރުވެފައިވެއެވެ.