އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ ކުންދޫޒު ޕުރޮވިންސްގައި ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންނާއި އެ ޤައުމުގެ އަސްކަރީ ފައުޖުތަކާ ދެމެދު ހިނގަމ،ުންދާ ކުރިމަތިލުންތައް އިތުރުވުމުގެ ސަބަބުން ގެދޮރުތައް ދޫކޮށް ދިޔުމަށް އެ ސަރަޙައްދުގައި ދިރިއުޅޭ 5،000އަށްވުރެ ގިނަ ޢާއިލާއަށް މަޖުބޫރުވެއްޖެއެވެ.
2020ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެމެރިކާއާއި ޠާލިބާނުންނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިން ބޭލުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެ ގޮތުން ސެޕްޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ބާލާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މަސައްކަތް ފަސްކުރުމަށް އެމެރިކާއިން މަސައްކަތް ކުރާކަމަށް ޠާލިބާނުންވަނީ ތުޙްމަތުކޮށްފައެވެ.
އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލުމުގެ މަސައްކަތް މިދިޔަ މެއި މަހުގެ ތެރޭގައި ފެށިފަހުން ޠާލިބާނުންނާ އަފްޣާނިސްތާނުގެ އަސްކަރިއްޔާއާ ދެމެދު ޙަމަލާ ބަދަލުކުރުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ގިނަ ސަރަޙައްދުތަކެއް ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ ޖަމާޢަތުން ބުނެއެވެ. އެ ގޮތުން އަފްޣާނިސްތާނުގެ 400 ޑިސްޓުރިކްޓުގެ ތެރެއިން 90 ޑިސްޓުރިކްޓެއް ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ ޖަމާޢަތުން ބުނެއެވެ.
ޙަމަލާ ބަދަލުކުރުން އިތުރުވުމުގެ ސަބަބުން ކުންދޫޒުން ގޮސްފައިވާ 5،000އަށްވުރެ ގިނަ ޢާއިލާގެ ތެރެއިން 2،000އަށްވުރެ ގިނަ ޢާއިލާ ގޮސްފައިވަނީ ވެރިރަށް ކާބުލަށެވެ. ކުންދޫޒު ދޫކޮށް ދިޔުމަށް އެ ޢާއިލާތަކުން ބޭނުންކުރުމަށް މަޖުބޫރުވެފައިވަނީ އާންމުކޮށް ބޭނުންކޮށް އުޅޭ ކުރު މަގުތަކަށްވުރެ ދިގު މަގެކެވެ. އެ ގޮތުން އެ ޢާއިލާތަކުންވަނީ 110 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށްފައެވެ. ޢާންމުކޮށް ބޭނުންކޮށް އުޅޭ މަގުގައި ގިނަ ޗެކުޕޮއިންޓުތަކާއި މައިނުތައް ވަޅުލާފައި ހުރުމުގެ ސަބަބުން އެ މަގަކީ ރައްކާތެރި މަގެއް ނޫންކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބުނެއެވެ.
ކުންދޫޒުގެ ބައެއް ޢާއިލާތަކުންވަނީ މަދަރުސާތަކުގައި ހިޔާވަހިކަން ހޯދައިފައެވެ. އެ މީހުންނަށް ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދީފައިވާކަމަށް ކުންދޫޒުގެ ޕުރޮވިންޝަލް ކައުންސިލުން ބުނެއެވެ. ކުންދޫޒުގެ އެކި ސަރަޙައްދުތަކުގައި 8،000އަށްވުރެ ގިނަ ޢާއިލާ ހާލުގައި ޖެހިފައިވާކަން ފާހަގަކޮށް އެ ކައުންސިލުން ބުނީ ގެދޮރު ދޫކޮށް ގޮސްފައިވާ އެންމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
ކުންދޫޒުގެ އިތުރުން ކަންދަހާރާއި ބަގްލަންގައިވެސް ވަރުގަދަ ޙަމަލާތަކެއް ދަނީ ބަދަލުކުރަމުންނެވެ.