ޚަބަރު

ޑެލްޓާ ވޭރިއަންޓުގެ ނުރައްކާ ބޮޑުވެ ފިޔަވަޅުތައް ވަރުގަދަކުރަނީ


ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓު ފެތުރެމުންދާ މިންވަރު އިތުރުވުމުގެ ސަބަބުން ބައެއް ޤައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

2020ވަނަ އަހަރުގެ ފަހުކޮޅު އިންޑިޔާއިން ފުރަތަމަ ފަހަރަށް ފެނުނު ޑެލްޓާ ވޭރިއަންޓު މިހާރުވަނީ 90އެއްހާ ޤައުމުން ފެނިފައެވެ.
ހަލުވިކަމާއެކު ޑެލްޓާ ވޭރިއަންޓު ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝާއި އިންޑޮނޭޝިޔާއާއި އޮސްޓުރޭލިޔާއައި އިސްރާއީލް ހިމެނެއެވެ. ރަޝިޔާގެ ބައެއް ސަރަޙައްދުތަކުގައިވެސް ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިފެތުރޭ މިންވަރުވަނީ އިތުރުވެފައެވެ.

ކާމިޔާބުކަމާއެކު ކޯވިޑް-19ގެ ވެކްސިން ދިނުމުގެ ސަބަބުން މުއްސަނދި ޤައުމުތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދަށްކުރެވިފައެވެ. ނަމަވެސް އެ ޤައުމުތަކުގައިވެސް ޑެލްޓާ ވޭރިއަންޓު ފެތުރެމުމުގެ ބިރުބޮޑުވެ މުއްސަނދި ޤައުމުތަކުގެ ޙާލަތުވެސް އަލުން ގޯސްވެދާނެކަމަށްވަނީ ބެލެވިފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯޢިން ބުނީ ޑެލްޓާ ވޭރިއަންޓާމެދު ކަންބޮޑުވާކަމަށާއި އެ ވޭރިއަންޓަކީ އެންމެ ހަލުވިކޮށް ފެތުރޭ އަދި އެންމެ ވަރުގަދަ ކޯވިޑް-19ގެ ވައްތަރުކަމަށެވެ. ވެކްސިން ޖަހާފައިނުވާ އާބާދީތަކުގައި އެ ވޭރިއަންޓު ފެތުރެނީ ވަރަށް ހަލުވިކޮށްކަމަށްވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.

ޑެލްޓާގެ ނުރައްކާތެރިކަން ބޮޑުވަނީ އިންސާނުންގެ މެދުގައި އެ ވޭރިއަންޓު ވާރުތަވާ ގޮތުގެ ސަބަބުންނެވެ. އިންސާނުންގެ މެދުގައި ވަރަށް ހަލުވިކޮށް ބަލިފެތުރި ބައްޔަށް ހުށަހެޅިފައިވާ އެންމެ ނާޒުކު މީހުންނާ ހަމައަށް ފޯރުމަށް އެ ވޭރިއަންޓަށް ފަސޭހަވެއެވެ. 2019ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ ވޫހާންގައި ފެތުރެންފެށި ވައިރަހުގެ ވައްތަރަށްވުރެ އިނގިރޭސިވިލާތުން ފެނުނު އަލްފާ ވޭރިއަންޓުގެ ވާރުތަވުމުގެ ބާރުގަދަކަމަށް ސައިންސްވެރިންވަނީ ބުނެފައެވެ. ނަމަވެސް އަލްފާ ވޭރިއަންޓަށްވުރެ ޑެލްޓާ ވޭރިއަންޓު ފެތުރޭ މިންވަރު 60 އިންސައްތަ ހަލުވިކަމަށް ދިރާސާތަކުން ދައްކައެވެ. އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ އެމެރިކާގައި އަލަށް ބަލިޖެހޭ މީހުންގެ ތެރެއިން 30 އިންސައްތައަކީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާ މީހުންކަމަށް ޑަބުލިޔުއެޗުއޯއިން ބުނެއެވެ. ކުރިޔަށް އޮތްތަނުގައި އެމެރިކާގައި އެންމެ ބޮޑަށް ފެތުރޭނެކަމަށް ބެލެވެނީ ޑެލްޓާ ވޭރިއަންޓެވެ. ހަލުވިކަމާއެކު އަލްފާ ވޭރިއަންޓު ފެތުރެމުންދިޔަ އިނގިރޭސިވިލާތުގައިވެސް ޑެލްޓާ ވޭރިއަންޓު ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަލްފާ ވޭރިއަންޓަށްވުރެ މިހާރު ގިނައީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހޭ މީހުންނެވެ. އެ ގޮތުން އެ ޤައުމުގައި އަލަށް ބަލިޖެހޭ މީހުންގެ 90 އިންސައްތަ މީހުންނަށް ބަލިޖެހެނީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުންނެވެ.

ޑެލްޓާ ވޭރިއަންޓުގެ ނުރައްކާ ބޮޑުވުމުން ބަންގުލަދޭޝުންވަނީ ޖޫން މަހުގެ 18ވަނަ ދުވަހުން ފެށިގެން އެ ޤައުމު ފުރަބަންދުކުރުމަށް ނިންމައިފައެވެ. އަދި ހަފުތާއެއް ވަންދެން އެ ޤައުމުގެ ހުރިހާ އިދާރާއެއް ބަންދުކުރުމަށްވަނީ ނިންމައިފައެވެ. އަދި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންކުރާ އުޅަނދުތައް ފިޔަވައި ދުއްވާ އެއްޗެހި ދުއްވުންވެސް އެ މުއްދަތުގެ ތެރޭގައި މަނާވާނެއެވެ. އޮސްޓުރޭލިޔާގެ އެންމެ ބޮޑު ސިޓީކަމަށްވާ ސިޑުނީވެސްވަނީ ދެ ހަފުތާގެ މުއްދަތަށް ފުރަބަންދުކޮށްފައެވެ. ޒަރޫރީ ބޭނުންތަކަށް ނޫންގޮތަކަށް ޢާންމުން ބޭރަށް ނުކުމެ އުޅުން އެ މުއްދަތުގެ ތެރޭގައި މަނާވާނެއެވެ. އޭގެ އިތުރުން އޮސްޓުރޭލިޔާގެ އެކި ސަރަޙައްދުތަކުން ބަލި ފެންނަމުންދާކަމަށް ބުނެ އެ ޤައުމުގެ އަވަށްޓެރި ނިޔު ޒީލެންޑުންވަނީ ދެ ޤައުމުގެ ދެމެދުގައި ހަމަޖައްސާފައިވާ ކަރަންޓީނުވުމަކައި ނުލައި ދަތުރުކުރެވޭ އިންތިޒާމުތައް ތިން ދުވަހުގެ މުއްދަތަށް މެދުކަނޑާލައިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑޮނޭޝިޔާގައި 21،000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއީ އެއް ދުވަހުގެ ތެރޭގައި އެ ޤައުމުގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ. އެ ޤައުމުގެ ރައީސް ޖޯކޯ ވިދޯދޯ ވިދާޅުވީ އެ ޤައުމުގެ 270 މިލިޔަން މީހުންނަށް ޚާއްޞަ ޙާލަތެއް ކުރިމަތިވެފައިވާކަމަށެވެ. އެ ޙާލަތުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް އޭނާވަނީ ވަޢުދުވެވަޑައިގެންފައެވެ.

ވެކްސިން ދިނުމުގައި އެންމެ ކާމިޔާބު އެއް ޤައުމުކަމަށްވާ އިސްރާއީލުގައިވެސް ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވާން ފަށައިފައެވެ. މީގެ ދިހަ ދުވަސް ކުރިން އެ ޤައުމުންވަނީ އެތެރޭގެ މާހައުލުތަކުގައި މާސްކު އަޅަން ނުޖެހޭނެކަމަށް ނިންމައިފައެވެ. ނަމަވެސް އޭގެ ފަހުން ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމުން އެ ނިންމުންވަނީ އަނެއްކާވެސް ބަދަލުކޮށްފައެވެ.

ޑެލްޓާ ވޭރިއެންޓުގެ ނުރައްކާތެރިކަމާ ގުޅޭގޮތުން އެމެރިކާގެ ޞިއްޙަތާބެހޭ އެންމެ އިސް މުޝީރު ޑރ އެންތޮނީ ފައުޗީ ވާހަކަދައްކަވަނީ / ވީޑިޔޯ: ރޮއިޓަރސް

ކުރިއަށް އޮތް އޮގަސްޓު މަހުގެ ނިޔަލަށް ވިލާތުގެ ޤައުމުތަކުގައި ކޯވިޑް-19 ޖެހޭ މީހުންގެ 90 އިންސައްތަ މީހުންނަށް ބަލިޖެހޭނީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުންކަމަށް ޞިއްޙީ މާހިރުން ލަފާކުރެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ބާއްވަމުންދާ ރަޝިޔާގެ ސެއިންޓު ޕީޓަސްބާގުގައި ބަލީގެ ސަބަބުން ރެކޯޑު ޢަދަދަކަށްވަނީ މީހުން މަރުވެފައެވެ. މިދިޔަ ހަފުތާގެ ތެރޭގައި ސެއިންޓު ޕީޓަސްބާގުގައި އަޅާފައިވާ ފިޔަވަޅުތައްވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ވިޔަފާރި މަރުކަޒުތަކުގައި ހުންނަ ފުޑު ކޯޓުތައް ބަންދުކޮށް ޔޫރޯ 2020 ފޭންޒޯނުވަނީ ބަންދުކޮށްފައެވެ. މި މަހުގެ މެދަކާ ހިސާބުން ފެށިގެން ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ރަޝިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޑެލްޓާ ވޭރިއަންޓުގެ ނުރައްކާ ބޮޑުވި ނަމަވެސް ވިލާތުގެ ބައެއް ޤައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދަނީ ލުއިތަކެއް ދެމުންނެވެ. އެ ގޮތުން ބޭރުގައި މާސްކު އަޅަން ނުޖެހޭ ގޮތަށް ސުޕެއިނުންވަނީ ކަނޑައަޅައިފައެވެ. ނެދަލޭންޑްސުންވެސްވަނީ އެ ގޮތަށް ޢަމަލުކުރުމަށް ނިންމައިފައެވެ. އޭގެ އިތުރުން ސްވިޓުޒަލެންޑުގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށްވެސްވަނީ ލުއިތަކެއް ދީފައެވެ.

ޑެލްޓާ ވޭރިއެންޓުން ރައްކާތެރިވެވެން އޮތް މަގަކީ ވެކްސިން ދިނުންކަމަށް ޑަބުލިޔުއެޗުއޯއިން ބުނެއެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރު ކޮންމެވެސް ވަރަކަށް ދަށެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ލިބޭ ރައްކާތެރިކަން ވަރަށް ބޮޑަށް އިތުރުވާކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. ޑެލްޓާ ވޭރިއަންޓު ފެތުރުން ހުއްޓުވުމަށް އާބާދީގެ 80 އިންސައްތައަށް ވެކްސިން ދޭންޖެހޭކަމަށް މާހިރުން ބުނެއެވެ.

ޑެލްޓާ ވޭރިއަންޓުން ރައްކާތެރިވުމަށް ޖަރުމަނުވިލާތުންވަނީ އެ ޤައުމުގައި ވެކްސިން ދެމުންދާ މިންވަރު އިތުރުކުރުމަށް ނިންމައިފައެވެ. އެ ޤައުމުގެ އާބާދީގެ 53 އިންސައްތައަށް ވެކްސިންގެ ފުރަތަމަ ޑޯޒުވަނީ ދީފައެވެ. އަދި އާބާދީގެ ތިންބައިކުޅަ އެއްބައިވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ. އެ ޤައުމުގެ އަމާޒަކީ އާބާދީގެ މަދުވެގެން 80 އިންސައްތައަށް ވެކްސިން ދިނުމެވެ. ޢާންމުން ވެކްސިން ޖެހުމަށް ހިތްވަރުދިނުމަށް ކުރާ މަސައްކަތްތައްވެސް ކުރިއަށްއޮތް ދުވަސްތަކުގައި އެ ޤައުމުން އިތުރުކުރާނެއެވެ.

އެފްރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓުރޯލް އެންޑު ޕުރިވެންޝަނުން ބުނީ އެފްރިކާ ބައްރުގެ 12 ޤައުމެއްގައި ބަލިފެތުރޭ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަމަށެވެ. ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ހަސްފަތާލުތަކުގައި ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. އެފްރިކާ ބައްރުގައި ކޯވިޑް-19ގެ ވެކްސިން ދީފައިވަނީ އާބާދީގެ އެންމެ އިންސައްތައަކަށެވެ.

އެހެން ވޭރިއަންޓުތަކުގެ ސަބަބުން ބަލިޖެހުމުން ފެންނަ ޢަލާމާތްތަކާ ތަފާތު ޢަލާމާތްތައް ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހުމުން ފެންނަކަމަށްވަނީ ފާހަގަވެފައެވެ. ޑަބުލިޔުއެޗުއޯއިން ބުނީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލި ޙާލަތު ގޯސްވާ މިންވަރު އިތުރުވޭތޯ ޔަޤީންކުރުމަށް އިތުރު ތަޙްލީލުތަކެއް ކުރަންޖެހޭކަމަށެވެ. ޑެލްޓާއަށް އިތުރު ބަދަލުތަކެއް އަންނަމުންދާކަމުގެ އިންޒާރު އެ ވޭރިއެންޓު އެންމެ ފުރަތަމަ ފެނުނު އިންޑިޔާއިންވަނީ ދީފައެވެ. އިތުރު ބަދަލުތަކެއް އައިސްފައިވާ ޑެލްޓާ ޕުލަސް ވޭރިއަންޓު އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަޕާނު ހިމެނޭގޮތަށް 11 ޤައުމަކުން މިހާތަނަށް ފެނިފައިވެއެވެ. ޑެލްޓާ ވޭރިއަންޓަށްވުރެ ޑެލްޓާ ޕުލަސްގެ ބާރުގަދަކަމަށް މިހާތަނަށް ފާހަގަވެފައެއް ނުވެއެވެ.