ޚަބަރު

ޑެލްޓާ: އިންޑިޔާއިން ފެނުނު ވޭރިއެންޓުގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް


2019ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔެ އަދިވެސް އޮތީ އަނދަވަޅެއްގެ ތެރޭގައެވެ. ބަލިޖައްސާ ވައިރަހަށް އެތައް ވިރާސީ ބަދަލެއް އައިސް ވައިރަހުގެ އެކި ބާވަތްތައް ދަނީ ފެތުރެމުންނެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ އިނގިރޭސިވިލާތުން ފުރަތަމަ ފެނުނު އަލްފާ ވޭރިއަންޓާއި އިންޑިޔާއިން ފެނުނު ޑެލްޓާ ވޭރިއަންޓެވެ. ފާއިތުވި ދުވަސްތަކުގައި ހަލުވިކަމާއެކު އަލްފާ ވޭރިއަންޓު ފެތުރެމުންގޮސް މިހާރު އެންމެ ބޮޑަށް ފެތުރެނީ އިންޑިޔާއިން ފެނުނު ޑެލްޓާ ވޭރިއަންޓެވެ.

އިންޑިޔާއިން ޑެލްޓާ ވޭރިއަންޓު ފުރަތަމަ ފެނުނީ 2020ވަނަ އަހަރުގެ ފަހުކޮޅެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބުލިޔުއެޗުއޯއިން އެ ވޭރިއަންޓާމެދު ކޮންބޮޑުވުން ފައުޅުކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ޑެލްޓާ ވޭރިއަންޓު އުފެދުނީ ކޯވިޑް-19 ޖައްސާ ވައިރަހުގައި ހިމެނޭ ސްޕައިކު ޕުރޮޓީނަށް ވިރާސީ ބަދަލުތަކެއް އައިސްގެންނެވެ. ޑަބުލިޔުއެޗުއޯއިން ބުނީ އެ ވޭރިއަންޓަކީ ކޯވިޑް-19 ޖައްސާ ވައިރަހުގެ ތަފާތު ވައްތަރުތަކުގެ ތެރެއިން އެންމެ ހަލުވިކޮށް ފެތުރޭ އަދި އެންމެ ވަރުގަދަ ވައްތަރުކަމަށެވެ. ފެބުރުއަރީ މަހުގެ ތެރޭގައި އިންޑިޔާގެ ކޯވިޑް-19 ޙާލަތު ގޯސްވި މައިގަނޑު ސަބަބަކީ ޑެލްޓާ ވޭރިއަންޓެވެ.

ޑެލްޓާ ވޭރިއަންޓުގެ ނުރައްކާތެރިކަން ބޮޑުވަނީ އިންސާނުންގެ މެދުގައި އެ ވައިރަސް ވާރުތަވާ ގޮތުގެ ސަބަބުންނެވެ. އިންސާނުންގެ މެދުގައި ވަރަށް ހަލުވިކޮށް ބަލިފެތުރި ބައްޔަށް ހުށަހެޅިފައިވާ އެންމެ ނާޒުކު މީހުންނާ ހަމައަށް ފޯރުމަށް އެ ވޭރިއަންޓަށް ފަސޭހަވެއެވެ. 2019ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ ވޫހާންގައި ފެތުރެންފެށި ވައިރަހުގެ ވައްތަރަށްވުރެ އިނގިރޭސިވިލާތުން ފެނުނު އަލްފާ ވޭރިއަންޓުގެ ވާރުތަވުމުގެ ބާރުގަދަކަމަށް ސައިންސްވެރިން ދިޔައީ ބުނަމުންނެވެ. ނަމަވެސް އަލްފާ ވޭރިއަންޓަށްވުރެ ޑެލްޓާ ވޭރިއަންޓު ފެތުރޭ މިންވަރު 60 އިންސައްތަ ހަލުވިކަމަށް ދިރާސާތަކުން ދައްކައެވެ.

މިހާތަނަށް 92 ޤައުމަކުން ޑެލްޓާ ވޭރިއަންޓުވަނީ ފެނިފައެވެ. އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ އެމެރިކާގައި އަލަށް ބަލިޖެހޭ މީހުންގެ ތެރެއިން މަދުވެގެން 10 އިންސައްތައަކީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާ މީހުންކަމަށް ޑަބުލިޔުއެޗުއޯއިން ބުނެއެވެ. ކުރިޔަށް އޮތްތަނުގައި އެމެރިކާގައި އެންމެ ގަދަޔަށް ފެތުރޭނެކަމަށް ބެލެވެނީ ޑެލްޓާ ވޭރިއަންޓެވެ. ހަލުވިކަމާއެކު އަލްފާ ވޭރިއަންޓު ފެތުރެމުންދިޔަ އިނގިރޭސިވިލާތުގައިވެސް ޑެލްޓާ ވޭރިއަންޓު ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަލްފާ ވޭރިއަންޓަށްވުރެ މިހާރު ގިނައީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހޭ މީހުންނެވެ. އެ ޤައުމުގައި އަލަށް ބަލިޖެހޭ މީހުންގެ 60 އިންސައްތަ މީހުންނަށް ބަލިޖެހެނީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުންނެވެ.

ވީޑިޔޯ: ޑަބުލިޔުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑުރޮސް އަދަނޮމް ގެބުރިޔޭސުސް ޑެލްޓާ ވޭރިއެންޓުގެ ނުރައްކާތެރިކަމާމެދު ކަނބޮވުމުން ފައުޅުކުރައްވަނީ

ޑަބުލިޔުއެޗުއޯއިން ބުނީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލި ޙާލަތު ގޯސްވާ މިންވަރު އިތުރުވާކަމަށް ފާހަގަކުރެވޭކަމަށެވެ. ނަމަވެސް އެކަން ޔަޤީންކުރުމަށް އިތުރު ތަޙްލީލުތައް ކުރަންޖެހޭކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. އެ ގޮތުން އެހެން ވޭރިއަންޓުތަކުގެ ސަބަބުން ބަލިޖެހުމުން ފެންނަ އަލާމާތްތަކާ ތަފާތު އަލާމާތްތައް ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހުމުން ފެންނަކަން ދަނީ ފާހަގަވަމުންނެވެ.

ޑެލްޓާ ވޭރިއަންޓު އެންމެ ހަލުވިކޮށް ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި އޮސްޓުރޭލިޔާއާއި އިސްރާއީލާއި ކެނެޑާއާއި އިންޑޮނޭޝިޔާއާއި ރަޝިޔާއާއި ޕޯޗުގަލް ހިމެނެއެވެ. ޑެލްޓާ ވޭރިއަންޓުގެ ނުރައްކާ ބޮޑުވުމުން ގިނަ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ދަނީ ހަރުކަށިކުރަމުންނެވެ. ކުރިއަށްއޮތް ތަނުގައި ވިލާތުގެ ޤައުމުތަކުގައި ވަރަށް ހަލުވިކަމާއެކު ޑެލްޓާ ވޭރިއަންޓު ފެތުރުމުގެ ފުރުޞަތު އޮތްކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. އޮގަސްޓު މަހުގެ ނިޔަލަށް ވިލާތުގެ ޤައުމުތަކުގައި ކޯވިޑް-19 ޖެހޭ މީހުންގެ 90 އިންސައްތަ މީހުންނަށް ބަލިޖެހޭނީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުންކަމަށް ޞިއްޙީ މާހިރުން ލަފާކުރެއެވެ. އޭގެ ސަބަބުން ހޫނު މޫސުމާ ދިމާކޮށް ފިޔަވަޅުތަކަށް ލުއިތައް ނުދިނުން އެކަށީގެންވެއެވެ.

ޑެލްޓާ ވޭރިއެންޓުން ރައްކާތެރިވެވެން އޮތް މަގަކީ ވެކްސިން ދިނުންކަމަށް ޑަބުލިޔުއެޗުއޯއިން ބުނެއެވެ. ނަމަވެސް ދުނިޔޭގެ އެންމެ ފަޤީރު އަދި ނާޒުކު ޙަލަތުގައި އޮތް ޤައުމުތަކަށް ވެކްސިން ހޯދުމުގައި ގިނަ ދަތިތަކެއް ކުރިމަތިވުން ވެކްސިނުން ލިބޭ ރައްކާތެރިކަން ޙާޞިލުކުރުމަށް ދަތިވެފައިވާކަމަށް އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ. އެހެންކަމުން މުއްސަނދި ޤައުމުތަކުން ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޑަބުލިޔުއެޗުއޯއިން ދަނީ އާދޭސްކުރަމުންނެވެ.

ޑެލްޓާ ވޭރިއަންޓަށް އިތުރު ބަދަލުތަކެއް އަންނަމުންދާކަމުގެ އިންޒާރު އިންޑިޔާއިންވަނީ ދީފައެވެ. އިތުރު ބަދަލުތަކެއް އައިސްފައިވާ ޑެލްޓާ ޕުލަސް ވޭރިއަންޓު އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަޕާނު ހިމެނޭގޮތަށް 11 ޤައުމަކުން މިހާތަނަށް ފެނިފައިވެއެވެ. ޑެލްޓާ ވޭރިއަންޓަށްވުރެ ޑެލްޓާ ޕުލަސްގެ ބާރުގަދަކަމަށް މިހާތަނަށް ފާހަގަވެފައެއް ނުވެއެވެ.