ޚަބަރު

މަޖިލީހުގެ އިންކުއަރީއަށް އިލްޔާސް ލަބީބް ހާޒިރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހާޒިރުކޮށްފިއެވެ.

އިލްޔާސް ލަބީބް ހާޒިރުކޮށްފައިވަނީ މިއަދު ހެނދުނު 10:00 ޖެހިއިރު އޮތް 241 ކޮމިޓީގެ ބައްދަލުވުމަށެވެ. ނަމަވެސް މިބައްދަލުވުންތަކަކީ ސިއްރު ބައްދަލުވުންތަކަކަށްވުން، ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް އިލްޔާސް ހާޒިރުކޮށްފައިވާއިރު، އޭނާ ވަނީ ރައީސް ނަޝީދަށް ހަމަލާދިނުމުގެ ކުރިން އެފަދަ ހަމަލާއެއް ރާވާކަމުގެ ޑިފެންސް މިނިސްޓަރާއި ހިއްސާކޮށްފައެވެ. އަދި އެކަމާއި ގުޅޭގޮތުން 241 ކޮމިޓީއަށް މީގެކުރިންވެސް އިލްޔާސް ވަނީ ބަޔާނެއް ދެއްފާއެވެ.

އިލްޔާސް ލަބީބްއަކީ 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރެއްވެސް މެއެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ ހަފްތާގައި ކޮމިޓީން ވަކިވެވަޑައިގެންފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި އެމްއެމްއޭގެ އިސްވެރިން މީގެ ކުރިން ވަނީ ހާޒިރުކޮށްފައެވެ. އަދި އެ އިންކުއަރީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމައި ރިޕޯޓް އެކުލަވާލެވޭނެކަމަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.