ޚަބަރު

ރައީސް ޞާލިހު، އެމްޑީޕީގެ އަހަރީދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހު، އެމްޑީޕީގެ އަހަރީދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

އެމްޑީޕީއަށް 16 އަަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް މިއަދު ފަށާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު، އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވި މެސެޖުގައި އެމްޑީޕީގެ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެ ޕާޓީގެ ހުރިހާ މެންބަރުންނަށް ވަނީ އަރިސްކުރައްވާފައެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ޤައުމެއް ބިނާކޮށް ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅުވުމުގެ އެންމެ މުހިއްމު ތަރަަަހައަކީ އިންތިޒާމްވެގެން ހިނގާ ސުލްހަވެރި ސިޔާސީ ހަރަކާތްކަމަށެވެ. އަދި އެ ނިޒާމްގެ ދިވެހި މުއައްސަސާއަކީ އެމްޑީޕީކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށާފައިވާއިރު، އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުން އޮތީ ދިދަ ނެގުމުގެ ރަސްމިއްޔާތެވެ. އެގޮތުން މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެ އާއި އެމްޑީޕީގެ އޮފީހުގައި ވަނީ ދިދަ ނަގާފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުން ވެސް ވަރޗުއަލްކޮށް ރަސްމިއްޔާތުގައި ބައިވެރިވެ، އަހަރީ ދުވަސް ފާހަގަކޮށް ދިދަ ނަގާފައިވެއެވެ.

މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރ އަދި ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުއާއި ޗެއާޕަރސަން ހަސަން ލަތީފުއާއި، ޕީޖީ ލީޑަރު އަލީ އާޒިމްގެ އިތުރުން ޕާޓީގެ އިސް ބޭފުޅުންނާއި ބައެއް އާއްމު މެމްބަރުން ބައިވެރިވިއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއް މުޅި ރާއްޖޭގައި މަހެއްހާއި ދުވަހަށް ހިންގުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ނިންމާފައެވެ. އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް އެޕާޓީގެ ޤައުމީ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތައް އަންނަ މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާކަމަށްވެސް ޗެއަރޕާސަން ވިދާޅުވިއެވެ.

މިއަހަރުގެ އަހަރީދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތަކަށްފަހު ޤައުމީ މަޖިލީޙުގެ ހާއްސަ ޖަލްސާއަކާއި މީސް މީޑިއާ އެޕްލިކޭޝަން ކްލަބް ހައުސްގައި "ކްލަބް ހައުސް އެމްޑީޕީ ހަރުގެ" ލޯންޗްކުރުން އޮންނާނެއެވެ.

މީގެއިތުރުން "ގްރާސް ރޫޓް އަޑު" ގެ ނަމުގައި ފޯން ކޯލްގެ ޒަރިއްޔާއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި އެމްޑީޕީގެ އާންމު މެންބަރުންގެ އަޑާއި އެ މެންބަރުން އެކި ކަންކަމުގައި ދެކޭ ގޮތުގެ ޝުޢޫރު ފާޅުކުރުމުގެ ހަރަކާތެއް 3 ދުވަހަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަންވެސް ޗެއަރޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ.

މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެއަށްފަހު ދެވަނަ ރަޖިސްޓްރީކުރީ އޭރުގެ ރަޢީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)އެވެ. އެހެންނަމަވެސް އެޕާޓީ ދެބައިވެ ފަހުންވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުފެދިފައެވެ. އަދި ފީޕީއެމްގެ ތެރެއިން އިތުރު ޕާޓިއެއް އުފެއްދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ނަމުގައި ރަޖިސްޓްރީކޮށް އަންނަނީ ހިންގަމުންނެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން މިވަގުތުވެސް 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ތައާރަފުވި ފަހުން މިހާތަނަށް ބޭއްވި ތިން އިންތިޙާބުވެސް ކާމިޔާބުކޮށްފައިވަނީ އެކި ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަން ސަރުކާރުތަކުންނެވެ.

ސިޔާސީ ޕާޓީގެ ދަފްތަރުގައި ދެން ހިމެނޭ ފާޓީތަކަކީ ޢަދާލަތު ޕާޓީ (އޭ.ޕީ) އާއި، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އާއި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) އާއި، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އާއި، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) ހިމެނެއެވެ.