ކުޅިވަރު

އިންގްލަންޑް ޓީމަށް ކުޅޭއިރު ކްލަބް ފުޓްބޯޅައިގެ މުސްތަގްބަލާމެދު ނުވިސްނަން: ކޭން


އިންގްލަންޑް ޓީމަށް ކުޅޭއިރު ކްލަބް ފުޓްބޯޅައިގެ މުސްގަތްބަލާމެދު އެއްވެސް ވަރަކަށް ނުވިސްނާކަމުގައި އެޓީމްގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ. ނިމިގެންދިޔަ ސީޒަނާއެކު ކޭން ވަނީ އޭނާ މިހާރު ކުޅެމުންދާ ކްލަބްކަމަށްވާ އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރ ދޫކޮށް ދާން ބޭނުންވާކަން ކްލަބަށް އަންގާފައެވެ.

ކޭން ގެންދިއުމަށް ޕްރިމިއަރ ލީގުގެ މިފަހަރުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއިން މަސައްކަތް ފަށާފައިވާކަމަށް އިނގިރޭސި މީޑިއާއިން އަންނަނީ ހާމަކުރަމުންނެވެ. ނަމަވެސް ކޭން ބުނީ ބޭރުތެރެއިން ދެކެވޭ ވާހަކަ ތަކާމެދު އޭނާ ފަރުވާލެއް ނުބަހައްޓާ ކަމަށާއި އިންގްލަންޑް ޓީމާއެކު ހުންނަނއިރު އޭނާގެ ހުރިހާ ވިސްނުމަކާއި ފިކުރެއް ހުންނަނީ އިންގްލަންޑް ޓީމާއެކު އެޓީމަށް ކާމިޔާބީ ހޯދާދިނުމަށްކަމަށެވެ. އަދި ކްލަބްގެ މުސްތަގްބަލާއި ގުޅޭގޮތުން ސްޕަރސް އާއި އެއްވެސް ވާހަކައެއްވެސް މިދުވަސްވަރު ނުދައްކާކަމަށާއި އެއްވެސް ހަމަލަ މުއާމަލާތެއްވެސް ނުކުރާކަމަށެވެ.

މިފަހަރުގެ ޔޫރޯ މުބާރާތުގައި މިހާތަނަށް އަދި ލަނޑެއް ކާމިޔާބު ނުކުރެވޭތީ އެކަމާއި ކްލަބްގެ މުސްތަގްބަލް ހަމައަކަށް ނޭޅި އޮތުމާއި އެއްވެސް ގުޅުމެއް ވޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން ކޭންވަނީ ފޯވަޑަކަށްވެ ހުރެ ލަނޑު ނުޖެހޭކަމަށް ވަންޏާ އެކަން އެހެންވަނީ ކީއްވެތޯ ބަލާ ގުޅުވެން އޮތް ހުރިހާ ކަމަކާ މީހުން ގުޅުވާނެކަމަށާއި ނަމަވެސް އެދެކަންތަކާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާގެ މުޅި ވިސްނުން ހުރީ އިންގްލަންޑް ޓީމާއެކު ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ކޭން ހާމަކުރިގޮތުގައި އޭނާ ހުރީ ވަރަށް ފޯމް ގައި ކަމަށާއި އަދި އޭނާއަށް އަމިއްލައަށް އޮންނަ އިތުބާރު ގެއްލުވައި ނުލާނެކަމަށެވެ. އަދި މީހުންގެ ވިސްނުމަކީ ވަރަށް އަވަހަށް ބަދަލުވާ އެއްޗެއްކަމަށާއި މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ޕްރިމިއަރ ލީގުގެ ރަން ބޫޓު ލިބުމުން އޭނާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަ ކޮށްލެވޭ ފޯވަޑަށްވި ކަމަށާއި ނަމަވެސް މިފަހަރުގެ މުބާރާތުގައި އަދި ލަނޑެއް ކާމިޔާބު ނުކުރެވޭތީ މީހުންގެ ފާޑުކިޔުން އަމާޒުވަމުންދަނީ ކަމަށެވެ. އަދި އޭނާ މިފަހަރު ބޭނުންވަނީ މުބާރާތުގެ މުހިންމު ހިސާބަށް އަންނައިރު ރަނގަޅު ފޯމްގައި ހުރުން ކަމަށްވެސް އޭނާ ހާމަކުރިއެވެ. 2018 ވަނަ އަހަރުގެ ވާރލްޑް ކަޕްގައިވެސް މުބާރާތުގެ ކުރީކޮޅު ގިނަ ލަނޑު ތަކެއް އޭނާއަށް ކާމިޔާބު ކުރެވުނު ނަމަވެސް މުބާރާތުގެ އެންމެ މުހިންމު ހިސާބު ކަމަށްވާ ކްއާޓާރ އާއި ސެމީ ފައިނަލްގައި މޮޅު ކުޅުން ނުދެއްކުނު ކަމަށެވެ. ނަމަވެސް މިފަހަރު އެހެން ވާން ބޭނުން ނުވާކަމަށްވެސް އޭނާ ހާމަކުރިއެެވެ. ނަމަވެސް އޭނާ ފޯމް ގައި ހުރިކަން އެނގިގެންދާނީ އަންގާރަ ދުވަހުރޭގެ މެޗަށް ފަހު ކަމަށްވެސް އޭނާ ހާމަކުރިއެވެ.