ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ފަހު ސޯޅަ ޓީމްގެ ބުރުގެ ކުޅުން މިރޭ ފެށޭއިރު ފުރަތަމަ މެޗަށް ވޭލްސް އާއި ޑެންމާކް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް މިދެޓިމުންވެސް ހާމަކޮށްފިއެވެ.
ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ވޭލްސް އާއި ޑެންމާކްގެ ފުރަތަމަ ކުރިމަތިލުމަށް މިރޭގެ މެޗް ވެގެން ދާއިރު މިމެޗަށް މިދެޓީމުންވެސް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަމުގައި އެދެޓީމުންވެސްވަނީ ހާމަކޮށްފައެވެ. މިދެޓީމު ވެސް މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދާފައިވަނީ އެދެޓީމް ނިސްބަތްވި ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މިގޮތުން ވޭލްސް ދެވަނަ ބުރުން ޖާގަހޯދީ ފުރަތަމަ މެޗްގައި ސްވިޓްޒަލަންޑާއި ބައްދަލުކުރިމެޗް އެއްލަނޑު އެއްލަނޑުން އެއްވަރުވެ ދެވަނަ މެޗްގައި ތުރުކީވިލާތްއަތުން ދެލަނޑު ސުންލަނޑުން މޮޅުވެ އަދި ފަހު މެޗްގައި އިޓަލީވިލާތް އަތުން އެއްލަނޑު ސުންލަނޑުން ބަލިވެގެންނެވެ. މިއީ ޔޫރޯ މުބާރާތެއްގައި ޖެހިޖެހިގެން ނޮކްއައުޓް ބުރުން ވޭލްސް ޖާގަހޯދި ދެވަނަ ފަހަރެވެ. އެޓީމްވަނީ ޔޫރޯ މުބާރާތެއްގައި މުޅިން އަލަށް 2016 ވަނަ އަހަރު ވާދަކޮށް އެމުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.
ޑެންމާކަށް ބަލާލައިރު މިފަހަރުގެ މުބާރާތުގައި އެންމެ އާދަޔާ ހިލާފް ތަޖްރިބާއެއް ކުރަންޖެހިފައިވާ ޓީމަކީ އެއީ ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. މިމުބާރާތުގައި ޑެންމާކް ވާދަކުރި ފުރަތަމަ މެޗްގައި އެޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ދަނޑުމަތީ ވެގެންދިޔަ ގޮތަކީ ދެންމެ ވީ ކަމެއްހެން އެހުރިހާ ކުޅުންތެރިންގެ އިތުރުން އަޅުގަނޑުމެއްގެ ސިކުނޑީގައި ތާޒާކޮށް ހުރި މަންޒަރުތަކެކެވެ. އެހާދިސާ އާއެކުވެސް އެރޭ ފިންލަންޑާއި ހިތްވަރާއެކު ކުޅެ އެއްލަނޑު ސުންލަނޑުން ބަލިވެ އަދި ދެވަނަ މެޗްގައި ބެލްޖިއަމް ކޮޅަށް މެޗްގެ ވަރަށް ކުރީކޮޅު ލަނޑެއް ޖެހުމާއެކުވެސް 2 ލަނޑު އެއްލަނޑުން ބަލިވެ ފަހު މެޗްގައި ރަޝިޔާ އާއި ވާދަކޮށް 4 ލަނޑު އެއްލަނޑުން މެޗް ކާމިޔާބުކޮށްގެން ދެވަނަ ބުރުން ޖާގަހޯދި ޓީމެކެވެ. ޑެންމާކް ވެފައިވަނީ ޔޫރޯގެ ގްރޫޕް މަރުހަލާގައި ކުޅުނު ފުރަތަމަ ދެމެޗުން ބަލިވުމާއެކުވެސް ދެވަނަ ބުރުން ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ދަތުރު ކުރި ފުރަތަމަ ޓީމަށެވެ.
މިފަހަރުގެ މުބާރާތުގައި ވޭލްސްގެ ކޯޗްކަން ވަގުތީގޮތުން ކުރަމުން އަންނަ ރޮބަރޓް ޕޭޖް ހާމަކުރިގޮތުގައި މިރޭގެ ހަނގުރާމައަށް އޭނާގެ ޓީމް ތައްޔާރު ކަމަށެވެ. އަދި މިރޭގެ މެޗް ވެގެންދާނީ ހަނގުރާމައަކަށް ކަމަށްވެސް އޭނާ ހާމަކުރިއެވެ. ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ބޭނުންވަނީ މިފަހަރުގެ މުބާރާތުގައިވެސް ދެވުނު އެންމެ މައްޗަކަށް ދާން ކަމަށާއި ނަމަވެސް މިމެޗަށް ނިކުންނައިރު އެހާ ފަސޭހަ ކޮށްލައިގެން ވޭލްސް ނުނިކުންނާނެކަމަށްވެސް އޭނާ ހަމާކުރިއެވެ. ޕޭޖް ހާމަކުރިގޮތުގައި ޑެންމާކް އެންމެފަހުން ރަޝިޔާ އާއި ކުޅުނު މެޗް ބާލާލުމުން އެޓީމްގެ ފެންވަރު އެނގިގެންދާކަމަށާއި ނަމަވެސް ވޭލްސްވެސް ރަނގަޅު ފޯމެއްގައި އޮންނަ ދުވަހެއްގައި އެޓީމުންވެސް މޮޅު ކުޅުމެއް ދައްކާނެކަމަށެވެ.
ޑެންމާކްގެ ކޯޗް ކެސްޕަރ ހުލްމަންޑް ހާމަކުރިގޮތުގައި އޭނާގެ ޓީމްވަނީ މިރޭގެ މެޗަށް ރަނގަޅަށް ތައްޔާރުވެފައެވެ. އަދި ހުރިހާ ކުޅުންތެރިންވެސް ތިބީ މިމެޗަށް ކެތް މަދުވެފައިކަށެވެ. މިރޭގެ މެޗް ކުޅޭ ސްޓޭޑިއަމް ކަމަށްވާ ނެދަލަންޑްސްގެ އެމްސްޓަޑަމްގެ ޔޯހާން ކްރައިފް އެރީނާއަކީ ކްރިސްޓިއަން އެރިކްސަންގެ އިތުރުން ޑެންމާކްގެ ވަރަށް ގިނަ ކުޅުންތެރިން ކްލަބް ފުޓްބޯޅަ އަޔެކްސް އެމްސްޓަޑަމްއަށް ކުރިން ކުޅެފައިވާ ދަނޑެކެވެ. ހުލްމަންޑް ހާމަކުރިގޮތުގައި އެންސްޓަޑަމް އާއި އަޔެކްސް އާއި ޑެންމާކާއި ވަރަށް ބޮޑު ގުޅުންތަކެއް އެބަހުރި ކަމަށެވެ. އަދި ނެދަލަންޑްސްގެ ރައްޔިތުންވެސް މިރޭ އެގޮތަށް ދެކޭނެކަމަށް އުންމީދު ކުރާކަމުގައި އޭނާ ހާމަކުރިއެވެ. ވޭލްސް އާއި ޑެންމާކަށް ނިސްބަތްނުވާ ނިއުޓްރަލް ސްޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި މިމެޗްގެ ފޭވަރިޓުންނަކީ ޑެންމާކެވެ.
މިމެޗަށް ކުރިމަތި ލާއިރު ވޭލްސްއަށް އަނިޔާގެ މާބޮޑު މައްސަލަތަކެއް ކުރިމަތިވެފައެއް ނެތެވެ. ނަމަވެސް އިޓަލީވިލާތާއި ދެކޮޅަށް ކުޅުނު މެޗްގައި ދެއްކި ރަތް ކާޑާއެކު އީތަން އަމްޕަޑޫއަކަށް މިރޭ ނުކުޅެވޭނެއެވެ. އަދި ރީނޑޫ ކާޑުގައި ތިބުމުގެ ސަބަބުން އިޓަލީ މެޗްގައި ފުރަތަމަ އެގާރައިގާ ނުހިމެނި ކީފަރ މޯ އާއި ބެން ޑޭވިސް އަދި ކްރިސް މެފާމް މިރޭގެ މެޗުން ފެންނާނެކަމަށް ބެލެވެއެވެ. ހަމަ އެއާއެކު ޑެންމާކަށްވެސް އެރިކްސަންގެ ހާދިސާއަށްފަހު އަނިޔާގެ އިތުރު މައްސަލައެއް ނެތުމުން ޑެންމާކުންވެސް އެރިކްސަންއާއި ނުލާ ނެރެވެން އޮތް އެންމެ ވަރުގަދަ އެގާރަ މިރޭ ނެރޭނެއެވެ.
މިމެޗުން މޮޅުވާޓީމެއް ކްއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ނެދަލަންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އެމްސްޓަޑަމްގެ ޔޯހާން ކްރައިފް އެރީނާގައި ކުޅޭ މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ ނުވައެއް ޖަހާއިރުއެވެ.