ކުޅިވަރު

ޔޫރޯ މުބާރާތުގައި އިޓަލީވިލާތާއި އޮސްޓްރިއާގެ ކުރިމަތިލުން މިރޭ


ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ފަހު ސޯޅަ ޓީމުގެ ބުރުގައި މިރޭ އިޓަލީވިލާތާއި އޮސްޓްރިއާ ބައްދަލުކުރާ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެކަމަށާއި ނަމަވެސް މެޗަށް ފުރިހަމައަށް ތައްޔާރަށް ތިބި ކަމަށް ދެޓީމުންވެސް ހާމަކޮށްފިއެވެ.

މިފަހަރުގެ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް މަރްހަލާގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެން ގޮސްފައިވާ އެއް ޓީމަކީ އިޓަލީވިލާތެވެ. ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ފަހު 16 ޓީމްގެ ތެރެއިން ޖާގަހޯދި އިޓަލީވިލާތް ފުރަތަމަ ބުރު ނިންމާލީ ކުޅުނު ތިން މެޗްގައި ތުރުކީވިލާތް، ސްވިޓްޒަލަންޑް އަދި ވޭލްސް ބަލިކުރުމުގެ އިތުރުން ހަތް ލަނޑު ޖަހައި ބައިކޮޅަށް އެންމެ ލަނޑެއްވެސް ވަނަނުދީއެވެ. މިމެޗާއި ކުރިމަތިލާއިރު އިޓަލީ ޓީމު ވަނީ މެޗަކުން ބަލިނުވެ 30 މެޗް ހަމަކޮށް 82 އަހަރުވީ އެޤައުމުގެ ރިކޯޑާއި ހަމަކޮށްފައެވެ. އަދި އެންމެ ފަހުން ކުޅުނު 11 މެޗްގައި ބައިކޮޅަށް ލަނޑެއް ވަދެފައިނުވުމުން މިރޭގެ މެޗް ބައިކޮޅަށް ލަނޑެއް ވަނަނުދީ މިމެޗުން މޮޅުވެއްޖެނަމަ އިޓަލީ ޤައުމީ ޓީމްގެ ދެ ރިކޯޑެއް މިޓީމަށް ޤާއިމް ކުރެވޭނެއެވެ.

އޮސްޓްރިއާ އަށް ބަލާލާއިރު މިއީ އެޓީމަށް ވެސް ތާރީޚީ މުބާރާތެކެވެ. މިފަހަރު ވެފައިވަނީ އޮސްޓްރިއާ ޓީމުގެ ތާރީހުގައިވެސް ޔޫރޯ މުބާރާތެއްގެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރަށެވެ. އެހެންކަމުން އެޓީމުން ހާސިލް ކުރަން ބޭނުންވާ ލަނޑު ދަނޑި މިހާރުވެސްވަނީ ވާސިލް ކުރެވިފައެވެ. އޮސްޓްރިއާ ފަހު 16 ޓީމްގެ ތެރެއިން ޖާގަހޯދީ ގްރޫޕް ސީގެ ދެވަނަ ޓީމްގެ ގޮތުގައެވެ. އެއީ ކުޅުނު ފުރަތަމަ މެޗް ނޯތު މެސެޑޯނިއާ އާއި ބައްދަލުކޮށް 3 ލަނޑު އެއްލަނޑުން ކާމިޔާބުކޮށް ދެވަނަ މެޗުގައި ނެދަލަންޑްސް އަތުން 2 ލަނޑު ސުންލަނޑުން ބަލިވެ އަދި ފަހު މެޗްގައި ޔޫކްރެއިން އާއި ބައްދަލުކޮށް އެއްލަނޑު ސުންލަނޑުން މެޗް މިޔާބުކޮށްގެންނެވެ.

އޮސްޓްރިއާގެ ކޯޗް ފްރެންކޯ ފޯޑާ ބުނީ މިފަހަރުގެ ޔޫރޯ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްގެން އޭނާގެ ޓީމް މިވަނީ ހާއްސަ ކާމިޔާބީއެއް މިހާރުވެސް ހޯދާފައިކަމަށެވެ. އަދި މިހާރު ބޭނުންވަނީ މިރޭގެ މެޗުގައި ވެސް ރަނގަޅަށް ކުޅެ މޮޅުވެގެން ކުއާޓަރ ފައިނަލަށް ދަތުރު ކުރެވޭތޯ މަސައްކަތް ކުރަން ކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި އޭނާގެ ޓީމް މިވަގުތު އޮތީ ޖޯޝާއި ފޯރީގައި ވަރަށް އިތުބާރާއެކު އިޓަލީވިލާތާއި ކުރިމަތިލުމަށް ތައްޔާރުވެފައިކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި އޭނާއަށް އެންމެ ފާހަގަ ކޮށްލެވުނު ޓީމަކީ އިޓާލީވިލާތްކަމުގައިވެސް ފޯޑާ ހާމަކުރިއެވެ. އިޓަލީ ޓީމަކީ ހަމަލާ ވަރުގަދަ ވެފައި ބޯޅަ ރަނގަޅަށް ހިފަހައްޓައިގެން ކުޅޭ ވަރުގަދަ ޓީމެކެވެ. އަދި ތިންވަނަ މެޗްގައި ގިނަ ބަދަލު ތަކަކާއެކު ކުޅުނު އިރުވެސް އެއްވެސް ބަލިކަށި ކަމެއް ޓީމުން ނުފެނުނު ކަމަށް އޭނާ ހާމަކުރިއެވެ. އެހެން ކަމުން އިޓަލީ ޓީމަކީ ވަރަށް ނުރައްކާތެރި ޓީމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އޮސްޓްރިއާ ޓީމްގެ ކެޕްޓަން ޑޭވިޑް އަލަބާ ހާމަކުރިގޮތުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ވެމްބްލީ ސްޓޭޑިއަމްގައި އިޓަލީވިލާތާއި ދެކޮޅަށް ކުޅެލަން ލިބުމަކީ އެޓީމްގެ ހުރިހާ ކުޅުންތެރިންގެވެސް ހުވަފެނެއް ހަގީގަތަކަށް ވުމެވެ. އަދި ކްއާޓަރ ފައިނަލަށް ދަތުރު ކުރެވުން ވެގެންދާނީ އާދަޔާ ހިލާފް ކަމަކަށް ކަމަށްވެސް އޭނާ ހާމަކުރިއެވެ. ނަމަވެސް މިވަގުތު ހުރިހާ ކުޅުންތެރިންގެ ވިސްނުންވެސް ހުރީ އިޓަލީ މެޗަށްކަމަށް އަލަބާ ހާމަކުރިއެވެ.

އިޓަލީވިލާތުގެ ކޯޗް ރޮބާޓޯ މަންޗީނީ ހާމަކުރިގޮތުގައި އޮސްޓްރިއާ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި އަދި ވަރަށް ފިޒިކަލް ކުޅުމެއް ކުޅޭ ޓީމެއް ކަމަށެވެ. މިރޭގެ މެޗުން މޮޅުވާން ބޭނުންވާ ކަމަށްވާ ނަމަ އޭނާގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުން ވަރަށް މުހިންމު ކަމަށް މަންޗީނީ ހާމަކުރިއެވެ. މިހާރު މިއޮތީ މުބާރާތުގައި މިސްޓޭކެއް ހަދައިފި ކަމަށްވާނަމަ އެކަމުގެ އަސަރު މުޅި ޓީމަށް ކުރާ ހިސާބަށް ގޮސްފައި ކަމަށާއި އެހެންކަމުން ގޯހެއް ހެދުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށެވެ. މިއީ މިފަދަ މުބާރާތްތަކުގެ ހިތްގައިމުކަން ކަމަށާއި މިހާރު މޮޅުވުން ނޫން އެހެން ގޮތެއް ނޯންނާނެކަމަށެވެ. އިޓަލީޓީމްގެ ކުރިއަށް މިފަހަރުގެ މުބާރާތުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ލޮރެންޒޯ އިންސިގްނޭ ހާމަކުރިގޮތުގައި އިޓަލީ ޓީމުންވަނީ އޮސްޓްރިއާގެ ބައެއް މެޗްތައްް ބަލާލާފައިކަމަށާއި އަދި ފެންނަ ފެނުމުގައި އޮސްޓްރިއާއަކީ ވަރަށް ފިޒިކަލް ކުޅުމެއް ކުޅެމުންދާ ޓީމެއް ކަމަށެވެ. ނަމަވެސް އިޓަލީޓީމުން ބަލާނީ އޮސްޓްރިއާ ޓީމަށް ބެލުމުގެ ބަދަލުގައި އެޓީމްގެ ކުޅުން މިމެޗްގައިވެސް ކުޅެ މިމެޗް ކާމިޔާބު ކުރަން ކަމުގައި އޭނާ ހާމަކުރިއެވެ.

މިމެޗަށް ކުރިމަތިލާއިރު އިޓަލީ ޓީމްގެ ފަހަތުގައި މައި އެއް ތަނބުގެ ގޮތުގައި ބެލެވޭ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީއަށް ކުޅެވޭނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މަޢުލޫމާތުލިބޭގޮތުގައި ކިއެލީނީގެ ފަޔަށް ލިބިފައިވާ އަނިޔާއިން އަދި އެއްކޮށް ރަނގަޅެއް ނުވެއެވެ. އެހެންކަމުން މިރޭގެ މެޗްގައިވެސް ކިއެލީނީގެ ބަދަލުގައި އެމަގާމަށް ކުޅޭނެކަމަށް ބެލެވެނީ ފްރެންޗެސްކޯ އަސަރބީއެވެ. އަދި ތިންވަނަ މެޗްގައި ރެސްޓް ދިން ގިނަ ކުޅުންތެރިން މިރޭގެ މެޗުން ފެންނާނެކަމަށް ބެލެވެއެވެ. އަދި އަނިޔާއިން އެނބުރި އައިސް ފަހު މެޗްގައި މުހިންމު ދައުރެެއް އަދާކުރި މާކޯ ވެރާޓީ މިރޭގެ ފުރަތަމަ އެގާރައިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވަނީ ބެލެވިފައެވެ. އޮސްޓްރިއާއަށް ބަލާލައިރު މާޓިން ހިންޓަރެގަރ އާއި ފްލޯރިއަން ގްރިލިޗްގެ ފައިގެ މަސްގަނޑަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެފައިވީ ނަމަވެސް މިރޭގެ މެޗުން މިދެކުޅުންތެރިން ފެންނާނެކަމަށްވަނީ ބެލެވިފައެވެ. އަދި ޔޫކްރެއިން މެޗުން މޮޅުވި ލަނޑު ޖަހާދިން ކްރިސްޓޯފް ބައުމްގަރޓްނަރ ގެ ބޮލަށް އެރޭގެ މެޗްގައި ލިބުނު އަނިޔާއާއި ގުޅިގެން ބަދަލުކުރި ނަމަވެސް މިމެޗަށް ފިޓްވާނެކަމަށްވަނީ ބެލެވިފައެވެ.

މިމެޗުން މޮޅުވާޓީމެއް ކުއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ބެލްޖިއަމް އާއި އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ. ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.