މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި އެންމެ ފުަރަތަމަ އުފެއްދި ސިޔާސީ ޕާޓީކަމަށްވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް 16 އަހަރު ފުރުން ފާހަގަކުރުމަށް މާލޭގައި މިއަދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.
މަލްޓީ ޕާޓީ ސިސްޓަމް ރާއްޖެއަށް ތާއާރަފުވެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފަންވެފައިވަނީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހުއެވެ.
މިއަދު ހެނދުނު ބޭއްވި ވަކި ވަކި ރަސްމިއްޔާތުތަކެއްގައި މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެ އާއި އެމްޑީޕީގެ އޮފީހުގައި ވަނީ ދިދަ ނަގާފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުން ވެސް ވަރޗުއަލްކޮށް ރަސްމިއްޔާތުގައި ބައިވެރިވެ އަހަރީ ދުވަސް ފާހަގަކޮށް ދިދަ ނަގާފައިވެއެވެ.
މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރ އަދި ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުއާއި ޗެއާޕަރސަން ހަސަން ލަތީފުއާއި، ޕީޖީ ލީޑަރު އަލީ އާޒިމްގެ އިތުރުން ޕާޓީގެ އިސް ބޭފުޅުންނާއި ބައެއް އާއްމު މެމްބަރުން ބައިވެރިވިއެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއް މުޅި ރާއްޖޭގައި މަހެއްހާއި ދުވަހަށް ހިންގުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް އެޕާޓީގެ ޤައުމީ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފައެވެ.
ޕާޓީގެ ޗެއަރޕާސަން ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތެއް މާދަމާ ރޭ އޮންނާނެކަމަށެވެ. އަދި އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތައް އަންނަ މަހުގެ 24 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާކަމަށްވެސް ޗެއަރޕާސަން ވިދާޅުވިއެވެ.
މިއަހަރުގެ އަހަރީދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތަކަށްފަހު ޤައުމީ މަޖިލީޙުގެ ހާއްސަ ޖަލްސާއަކާއި މީސް މީޑިއާ އެޕްލިކޭޝަން ކްލަބް ހައުސްގައި "ކްލަބް ހައުސް އެމްޑީޕީ ހަރުގެ" ލޯންޗްކުރުން އޮންނާނެކަމަށްވެސް އެޕާޓީން ބުނެއެވެ.
މީގެއިތުރުން "ގްރާސް ރޫޓް އަޑު" ގެ ނަމުގައި ފޯން ކޯލްގެ ޒަރިއްޔާއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި އެމްޑީޕީގެ އާންމު މެންބަރުންގެ އަޑާއި އެ މެންބަރުން އެކި ކަންކަމުގައި ދެކޭ ގޮތުގެ ޝުޢޫރު ފާޅު ކުރުމުގެ ހަރަކާތެއް ތިން ދުވަހަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަންވެސް ޗެއަރޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ. އަދި ޖުލައި މަހު ފަހުކޮޅު ބާއްވާ ހަރަކާތްތަކުގައި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވަޑައިގަންނަވާނެކަން ހަސަން ލަތީފު ފާހަގަކުރެއްވިއެވެ.
މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެއަށްފަހު ދެވަނަ ރަޖިސްޓްރީކުރީ އޭރުގެ ރަޢީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)އެވެ. އެހެންނަމަވެސް އެޕާޓީ ދެބައިވެ ފަހުންވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުފެދިފައެވެ. އަދި ފީޕީއެމްގެ ތެރެއިން އިތުރު ޕާޓިއެއް އުފެއްދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ނަމުގައި ރަޖިސްޓްރީކޮށް އަންނަނީ ހިންގަމުންނެވެ.
އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން މިވަގުތުވެސް 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. ރާއްޖޭގައި މަލްޓި ޕާޓީ ސިސަމްޓަމް ތައާރަފުވި ފަހުން މިހާތަނަށް ބޭއްވި ތިން އިންތިޙާބުވެސް ކާމިޔާބުކޮށްފައިވަނީ އެކި ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަން ސަރުކާރުތަކުންނެވެ.
ސިޔާސީ ޕާޓީގެ ދަފްތަރުގައި ދެން ހިމެނޭ ފާޓީތަކަކީ ޢަދާލަތު ޕާޓީ (އޭ.ޕީ) އާއި، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އާއި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) އާއި، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އާއި، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) ހިމެނެއެވެ.