ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި ނިންމުން އިސްތިއުނާފްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަލީ ވަހީދުގެ ޝަރީޢަތުގައި އޮންލައިންކޮށް ބައިވެރިވާން އޭނާ އެދުމުން ކޯޓުން ވަނީ އެފުރުސަތު އަލީ ވަހީދަށް ދެއްވާފައެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ ނިންމުން ބަލައި ނުގަނަވޭނަކަމަށް ވިދާޅުވެ، އެ ނިންމުން އިސްތިއުނާފް ކުރައްވާނެކަމަށް އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވެފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އަލީ ވަހީދު ކޯޓުގެ އިހްތިސާސް ނެތް ތަނެއްގައި ހުއްޓާ، އޮންލައިންކޮށް ޝަރީއަތް ހިންގަވަން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމަށެވެ.
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ގިނަ ދައުވާތަކެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ ބޭސްފަރުވާއަށެވެ. ނަމަވެސް ކޯޓުން އޭނާއަށް ދީފައިވާ މުއްދަތު ވަނީ ހަމަވެފައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފުލުހުން މިހާރު ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ދައުލަތުން ވަނީ 7 ދައުވާއެއް އުފުލާފައެވެ. ނަމަވެސް އޭނާ ދައުވާތަކަށް އިންކާރުކުރެއެވެ.