ޚަބަރު

ކަސްރަތުކުރަން މީހުން ނިކުތުމާއެކު ނައިކީއަށް ފައިދާ


ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުގެ ސަބަބުން ނައިކީ ކުންފުނީގެ އޮންލައިން ވިޔަފާރި ރަގަޅުވާން ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ތަޖުރިބާކާރުން ލަފާކޮށްފައިވާ ވަރަށްވުރެ އިތުރަށް ޢާމްދަނީ ހޯދައި، ކުޅިވަރާއި ގުޅުންހުރި ގިނަ ސާމާނުތަކެއް އުފައްދާ އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުނި ނައިކީގެ ގެ ޙިއްޞާ ވަނީ 13 އިންސައްތައަށް އިތުރުވެފައެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށްފަހު ގިނަ މީހުން މިހާރު ވަނީ އެމީހުންގެ ރޫޓިންގއަށް އެނބުރި ގޮސް، ކަސްރަތު ކުރުމާ ދުވުމާއި ހައިކް ކުރަން ފަށާފައެވެ. މީގެ ސަބަބުން ނައިކްގެ ވިޔަފާރި މިހާރުވެސް ދަނީ ރަނގަޅުވަމުން ކަމުގައި ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މެތިއު ފްރެންޑް ވަނީ ބުނެފައެވެ.

އަންނަ އަހަރު ނައިކީގެ ޢާމްދަނީ 50 ބިލިއަން ޑޮލަރަށްވުރެ އިތުރުވާނެކަމަށް އެމެރިކާގައި ހުންނަ ކުންފުނީގެ ހެޑްކުއާޓަރ ބެވަރޓަން އިން ލަފާކުރެއެވެ.

ނައިކީގެ އެންމެ ބޮޑު ބާޒާރު އޮންނަ އުތުރު އެމެރިކާގައި އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ޢާމްދަނީ ދެގުނަ އިތުރުވެ 5.38 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. އަދި މިއީ މާހިރުން ލަފާކޮށްފައިވާ 4.31 ބިލިއަން ޑޮލަރަށްވުރެ އިތުރު ޢަދަދެކެވެ.

ޖުމްލަ ގްރޮސް މާރޖިން 45.8 އިންސައްތައަށް އިތުރުވެފައިވާއިރު މިދިޔަ އަހަރު މި ޢަދަދު އުޅުނީ 43.96 އިންސައްތައިގައެވެ. އަދި މާހިރުން ލަފާކޮށްފައިވަނީ ގްރޮސް މާރޖިން އިތުރުވާނީ 43.96 އިންސައްތައަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ނައިކީގެ ވިޔަފާރި ވަރަށް ކުރިއަރަމުން އަންނަ ޗައިނާގެ ބާޒާރުން ލިބުނު އާމްދަނީ އުޅެނީ ލަފާކުރި ވަރަށްވުރެ ދަށްވެ، 1.93 ބިލިއަން ޑޮލަރުގައެވެ. ތަޖުރިބާކާރުން ލަފާކޮށްފައިވަނީ 2.22 ބިލިއަން ޑޮލަރަށް ޗައިނާ ބާޒާރުން ލިބޭ އާމްދަނީ އަރާނެކަމަށެވެ.

ނައިކީއަށް މިދިޔަ އަހަރު 790 މިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިނަމަވެސް މިއަހަރުގެ މެއިމަސް ނިމުނުއިރު ޢާމްދަނީގެ ގޮތުގައި އެ ކުންފުންޏަށްވަނީ 1.51 ބިލިއަން ޑޮލަރު ލިބިފައެވެ.