ކުޅިވަރު

ކޮޕާ އެމެރިކާ މުބާރާތުގެ ކުއާޓަރ ފައިނަލަށް އުރުގުއާއީ


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އުރުގުއާއި އާއި ބޮލީވިއާ ބައްދަލުކުރިމެޗް އުރުގުއާއި ކާމިޔާބުކޮށްފިއެވެ. މިމެޗް އުރުގުއާއި ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އުރުގުއާއީންނެވެ. މިމެޗްގެ ފުރަތަމަ ލަނޑަކީ މެޗްގެ 40 ވަނަ މިނެޓްގައި ބޮލީވިއާގެ ޑިފެންޑަރ ހައިރޯ ކުއިންޓޭރޯސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އުރުގުއާއިގެ ދެވަނަ ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހައިދިނީ އެޑިންސަން ކަވާނީއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އުރުގުއާއި އަށް ލިބި ބޭކާރުވެގެންދިޔަތަން ފެނިގެންދިޔައެވެ.

މިކާމިޔާބީއާއެކު އުރުގުއާއި އަށް މިހާރުވަނީ މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަލިބިފައެވެ. އުރުގުއާއި މިހާރު އުޅެނީ ފަސް ޓީމް ހިމެނޭ މިގްރޫޕްގެ ތިންވަނައިގައެވެ. އެއީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކުއެވެ. ގްރޫޕްގެ ފަހު މެޗްގައި މިއަންނަ ހޯމަ ދުވަހުގެ ރޭ އުރުގުއާއި ބައްދަލުކުރާނީ ޕެރަގުއާއި އާއެވެ. އަދި ބޮލީވިއާ ހަމަ އެރޭ ބައްދަލުކުރާނީ އާޖެންޓީނާ އާއެވެ.