ޚަބަރު

ކޯވިޑް ވެކްސިން އިތުރު 806 މީހަކު ފުރިހަމަކޮށްފި


ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިއަދު 806 މީހަކު ފުރިހަމަކޮށްފިއެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދުވަނީ 185,671އަށް އަރާފައެވެ.

އެޗްޕީއޭއިން އާޢްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބަށް ބަލާއިރު ވެކްސިންގެ ދެޑޯޒު ފުރިހަމަކުރި މީހުންގެ ޢަދަދުވަނީ 185،671އަށް އަރާފައެވެ. މީގެތެރޭއިން 806 މީހަކު ވެކްސިން ފުރިހަމަކުރީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިންޖެހި 284 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ޖެހި 522 މީހުންނެވެ.

ވެކްސިންގެ ފުރަތަމ ޑޯޒު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 202 މީހަކުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 77 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 125 މީހުންނެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.