މީޑިއާތަކުން ރިޕޯޓުކުރާ ކަންކަމާއި އެނޫންވެސް މީޑިއާތަކާ ގުޅުންހުރި ކަންކަމުގެ މައްސަލަ ބެލުމުގެ ޤާނޫނީ އިޚްތިސާސް އޮތީ މޯލްޑިވްސް މީޑިއާ ކައުންސިލަށްކަމަށާ، އެކައުންސިލުގެ އެއްވެސް ދައުރެއް ނެތި އެހެން މުއައްސަސާތަކުން މީޑިއާތަކާމެދު ފިޔަވަޅުއަޅައި ޖޫރީމަނާކުރުންފަދަ ކަންކަން ނުކުރެވޭނެކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުން ފާޅުކޮށްފިއެވެ.
މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކުރީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލާފައިވާ މައްސަލައާ ގުޅިގެން އެކި މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކާގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބައެއް މީޑިއާތައް ޖޫރިމަނާކޮށް އިންޒާރުގެ ލިޔުން ފޮނުވަމުންދާ މައްސަލައާއި ގުޅިގެންނެވެ. މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މި ޢަމަލު ކުށްވެރިކޮށްފައެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 15ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢުރު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ އުސޫލުތައް ކަނޑައަޅައި އެއުސޫލުތަށް ތަންފީޒުކުރުމުގެ ބާރު ލިބިގެންވަނީ މީޑިއާ ކައުންސިލަށް ކަމަށް އެކައުންސިލުން ބުނެއެވެ.
އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33ވަނަ މާއްދާއާ ޚިލާފުވާ މީޑިއާތަކުގެ މައްސަލަވެސް ބަލައި ފިޔަވަޅު އެޅުމަކީ، އެކައުންސިލުން ކުރަންޖެހޭ ކަމެއްކަމަށާ، އެކަން ކުރަމުންދާކަމަށް މީޑިއާކައުންސިލުން ބުނެއެވެ.
13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލާފައިވާ މައްސަލައިގެ ޚަބަރު މީޑިއާތަކުން އާންމުކުރުމުގައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނާއި މީޑިއާ ކައުންސިލުން އެކުލަވާލައިފައިވާ "ޤާނޫނާ ޚިލާފުވާ
ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު"ގެ މަތިން ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ޝާއިރުކުރުމުގެ ގައިޑްލައިނާ ޚިލާފަށް އެޚަބަރު ނޫސްތަކުގައި ޝާއިޢުކޮށްފައިވާކަން މީޑިއާ ކައުންސިލަށްވެސް ފާހަގަކުރެވި އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް އެކައުންސިލުން ބުނެއެވެ.
އެހެންކަމުން މީޑިއާކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނިކޮށް، މީޑިއާތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި، އިޖުރާއަތުން ބޭރުން އެއްވެސް މީޑިއާއަކާމެދު ފިޔަވަޅެއް އެޅުމަކީ ކުރެވިދާނެކަމެއް ނޫންކަމަށާ، އަދި މިޑިއާތަކާ ގުޅުންހުރި މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުން ކަމުގައި މީޑިއާ ކައުންސިލުން ނުދެކޭކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.