ޚަބަރު

ލީބިޔާއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދުނިޔޭގެ ބާރުތައް ޖަރުމަނުވިލާތަށް


ލީބިޔާގައި ޞުލްޙަ ޤާއިމުކުރުމަށް މަޝްވަރާކޮށް، ޑިސެންބަރު މަހުގެ ތެރޭގައި އެ ޤައުމުގެ ޢާންމު އިންތިޚާބު ބޭއްވޭނެކަން ޔަޤީންކުރުމަށް ދުނިޔޭގެ ބާރުތަކުން ޖަރުމަނުވިލާތުގައި ބައްދަލުކޮށްފިއެވެ.

2011ވަނަ އަހަރުގެ ތެރޭގައި ލީބިޔާގެ ޒަޢީމު ކާނަލް މުޢަންމަރުލް ޤައްޒާފީގެ ވެރިކަން ވެއްޓުމުން އެ ޤައުމުގައި ބައިބައިވުންތަކާއި ހަމަނުޖެހުން އުފެދުނެވެ. އެ ގޮތުން ލީބިޔާގެ އުތުރާއި ދެކުނުގައި ވެރިކަން ކުރަމުންދިޔަ ސަރުކާރުތަކުން ދިޔައީ އެ ޤައުމުގެ ވެރިކަމަށް އައުމަށް ހަނގުރާމަކުރަމުންނެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ލީބިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ޙަމަލާބަދަލުކުރުން ހުއްޓައިލައިފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އދން އިސްވެ ކުރި މަޝްވަރާތަކުގައި ލީބިޔާގެ އިންތިޤާލީ ސަރުކާރެއްވަނީ އެކުލަވާލައިފައެވެ. އަދި ޑިސެންބަރު މަހުގެ 24ވަނަ ދުވަހު އިންތިޚާބެއް ބޭއްވެންދެން ޤައުމު ހިންގުންވަނީ އިންތިޤާލީ ސަރުކާރާ ޙަވާލުކޮށްފައެވެ.

ލީބިޔާގެ އިންތިޤާލީ ސަރުކާރުގެ މަންދޫބުންވަނީ ޖަރުމަނުވިލާތުގައި ބޭއްވި މަޝްވަރާތަކުގައި އެމެރިކާއާއި ފަރަންސޭސިވިލާތާއި މިޞްރުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންވަނީ ލީބިޔާގައި ޞުލްޙަ ދެމެހެއްޓުމަށް ޑިސެންބަރު މަހުގެ ތެރޭގައި ޢާންމު އިންތިޚާބެއް ބޭއްވުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް ފާހަގަކުރައްވައިފައެވެ. އެކަން ޙާޞިލުކުރުމަށް ދުސްތޫރީ އަދި ޤާނޫނީ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޖަރުމަންވިލާތުގައި ބާއްވާފައިވަނީ ލީބިޔާގައި ޞުލްޙަ ޤާއިމުކުރުމަށް ބާއްވައި މަޝްވަރާތަކުގެ ދެވަނަ ބުރެވެ. 2020ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ބޭއްވި މަޝްވަރާތަކުގެ ފުރަތަމަ ބުރުގައި ތުރުކީވިލާތާއި ރަޝިޔާއާއި ފަރަންސޭސިވިލާތުގެ ރައީސުން ބައިވެރިވެޑައިގެންފައިވެއެވެ. އެންމެ ފަހުގެ މަޝްވަރާތަކުގައި ޞުލްޙަ ޤާއިމުކުރުމުގައި އެމެރިކާއިން ބައިވެރިވާނެކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވުމުން އެ ޤައުމުން ލީބިޔާއަށް އެހީތެރިކަން ފޯރުދޭނެކަމުގެ ޔަޤީންކަންވަނީ އިތުރުވެފައެވެ.

އދން ބުނީ 2020ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް މަދުވެގެން 20،000 ބިދޭސީ ހަނގުރާމަވެރިން ލީބިޔާގައި ތިބިކަމަށެވެ. އޭގެ ތެރޭގައި ސޫރިޔާއާއި ރަޝިޔާއާއި ސޫދާނާއި ތަޝާޑުގެ ހަނގުރާމަވެރިން ހިމެނެއެވެ. އޭގެ ސަބަބުން ކުރިއަށް އޮތް އިންތިޚާބަށް ހުރަސްއެޅިދާނެކަމަށް ޤަބޫލުކުރެވެއެވެ.

ލީބިޔާގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާތައް ފެށުމުގެ ކުރިން ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ހައިކޯ މާސްވަނީ މިދިޔަ އަހަރުގެ މަޝްވަރާތަކުގައި ޤައުމުތަކުން ވެފައިވާ ވަޢުދުތައް ހަނދާންކޮށްދެއްވައި އެ ވަޢުދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ގޮވާލައްވައިފައެވެ. މިދިޔަ އަހަރުގެ މަޝްވަރާތަކުގައި ބިދޭސީ ހަނގުރާމަވެރިން ބޭލުމަށް ވަޢުދުވެފައިވާ ޤައުމުތަކުން އެ ގޮތަށް ޢަމަލުނުކުރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ލީބިޔާގެ ޙާލަތު ރަނގަޅުކުރުމަށް ބިދޭސީ ހަނގުރާމަވެރިން އެ ޤައުމުން ފޭބުން ކޮންމެހެން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.