ޚަބަރު

ޢަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ހޯދުމަށް ޕީޖީން ފުލުހުންނަށް އަންގައިފި


ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ހޯދުމަށް ޕީޖީން ފުލުހުންގެ ޢިދާރާގައި އެދިއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އަލީވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ހޯދުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެކަމަށާއި މިހާރު އެ އަމުރު ހޯދަން ފުލުހުން ކޯޓުގައި އެދިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ ޕީޖީގެ އެންގެވުމާ އެއްގޮތަށް ޢަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ހޯދުމަށް ކުރަންޖެހޭ ކަންކަން ފުލުހުން ކުރަމުންދާކަމަށެވެ.

މިހާރު އުޞޫލުތައް އޮންނަގޮތުން ސީދާ ޕީޖީއަށް މިފަދަ ޢަމުރަކަށް އެދި ކޯޓަށް ހުށަނޭޅޭއިރު، މީގެ ކުރިންވެސް އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ 4 މަހަަށް އޭނާ ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަދިނުމަށް ޕާސްޕޯޓު ދޫކޮށްލަން ނިންމައިފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި ފަރާތާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 9 ވަނަ ދުވަހަށް ހަމަވިނަމަވެސް އަދިވެސް އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

ބޭސްފަރުވާގެ ކަންކަން ނުނިމޭކަމަށް ވިދާޅުވެ ރާއްޖެއިން ބޭރުގައި ހުރެގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީޢަތުގައި ބައިވެރިވާން ފަށާފައިވާއިރު، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެ އަލީ ވަހީދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ އަޑުއެހުމެގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް ވަނީ ނިންމަވާފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޢަލީ ވަޙީދުގެ މައްޗަށް ވަނީ ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ޢަމަލެއް ހިންގުމަށް އެދުމުގެ ދެ ދަޢުވާއާއި، ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.